ފާއިތުވި އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އެޕްރީލު މަހާ އަޅާބަލާއިރު ހަތަރު ޕަސަންޓު ދަށްވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ވަނީ 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި އެވެ.
އިމްޕޯޓު ދަށަށް ދިއުމުން ލިބުނު އާމްދަނީ ވަނީ 16 ޕަސަންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ކަސްޓަމްސް އަށް 361 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެޕްރީލް މަހު ކަސްޓަމްސް އަށް ލިބުނީ 305 މިލިއަން ރުފިޔާ އެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިއާ އިންނެވެ. އެގައުމުން 757 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު އެއީ އެޕްރީލް މަހުގެ އިމްޕޯޓުގެ 17 ޕަސަންޓެވެ.
އޮމާނުން 707 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު ޔޫއޭއީ އިން 573 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި އެވެ. މީގެ އިތުރުން ޗައިނާއިން 520 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 467 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އެވެ.
އިމްޕޯޓު ދަށަށް ދިޔަ ނަމަވެސް އެޕްރީލް މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު އިތުރުވެފަ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އެޕްރީލް މަހު ރާއްޖެއިން ވަނީ 193 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއިން ބޭރުކުރި 186 މިލިއަން ރުފިޔާގެ މުދަލަށްވުރެ ހަތަރު ޕަސަންޓު އިތުރުވުމެކެވެ.
ފާއިތުވި އެޕްރީލް މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓުގެ 45 ޕަސަންޓު ބޭރުކުރީ ތައިލެންޑަށެވެ.
ރާއްޖޭގެ އެޕްރީލް މަހުގެ އެކްސްޕޯޓުގެ 18 ޕަސަންޓު ބޭރުކުރީ އިނގިރޭސިވިލާތަށެވެ. ޖަރުމަނަށް 11 ޕަސަންޓު މުދާ ބޭރުކުރިއިރު މޮރިޝަސްއަށް ހަ ޕަސަންޓު އަދި އިންޑިއާއަށް ފަސް ޕަސަންޓު މުދާ ބޭރުކޮށްފައިވެ އެވެ.