ދުނިޔެ

ސައޫދީ-އިޒްރޭލް ގުޅުންބަދަހި ކުރުވޭތޯ އެބަ ބަލަން: އެމެރިކާ

ސައޫދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އެމެރިކާ އިން އަދާކުރަމުންދާ ކަމަށް އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރު ތޯމާސް ނައިޑްސް ވިދާޅުވެއްޖެ އެވެ.

ތޯމާސް ނައިޑްސް ވިދާޅުވި ގޮތުގައި އަބްރަހަމް އެކޯޑްސްގެ ނަމުގައި އުފައްދާފައި އޮތް މުއާހަދާގެ ދަށުން ސައޫދީ އާއި އިޒްރޭލާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަކީ މިހާރުވެސް ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ.

އަބްރަހަމް އެކޯޑްސް އަކީ އަރަބި ގައުމުތަކުން އިޒްރޭލު ބަލައިގަނެ ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމަށް ބާރުއެޅުމަށް ސެޕްޓެމްބަރު 2020 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލައްވާފައި އޮތް އެއްބަސަވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އަރަބި ހަތަރު ގައުމަކުން -- ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން، ސޫދާން އަދި މަޣްރިބުކަރަ އިން ވަނީ އިޒްރޭލާ އެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކޮށްފަ އެވެ. އެހެން ނަމަވެސް ސައޫދީން އަދި މި އެއްބަސްވުން ބަލައެއް ނުގަނެ އެވެ.

ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ފަލަސްތީނަށް ރަނގަޅު ގޮތެއް ވުމަށް ދާންދެން ސައުދީ އޮތީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ބަދަހިކުރާ ގޮތަކަށް ނޫނެވެ.

ސައޫދީ އާއި އިޒްރޭލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފަލަސްތީނަށް ހެޔޮ ގޮތެއް -- މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތް ނަމަ، އިޒްރޭލާ އެކު ގުޅުން ބަދަހިކުރުމާ މެދު ވިސްނާ ވަޑައިގަންނަވާނެ ކަމަށްވެސް ބިން ސަލްމާން ކުރިން ވިދާޅުވި އެވެ.

އިޒްރޭލުގެ މަގުބޫލުކަން އަރަބި ގައުމުތަކުގެ މެދުގައި ދެމެހެއްޓުމަކީ ކުރައްވާ ވަރަށް ބުރަ މަސައްކަތެއް ކަމަށްވެސް ތޯމާސް ނައިޑްސް ވިދާޅުވި އެވެ.

ސަފީރުގެ މި ވާހަކަތަކަށް ސައޫދީން އަދި އެއްވެސް ރައްދެއް ނުދެ އެވެ. ރައްދު ދޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ސައޫދީ ރައްޔިތުން ދެކޭ ގޮތުގައި އަބަރަހަމް އެކޯޑްސް އަކީ ފައިދާއެއް އޮތް މުއާހަދާއެއް ނޫނެވެ. އެއީ އަރަބި ދުނިޔެއަށް ބޭނުން އެއްބަސްވުމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއްވެސް ނުކުރެ އެވެ.

އިޒްރޭލުން ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އާންމުންނަށް އިހާނެތިކޮށް ހިތާހާ ހިނދަކު އިޒްރޭލާ މެދު ހެޔޮ ގޮތަކަށް ދެކެން އަރަބި، މުސްލިމް އެއްވެސް ގައުމަކުން ބޭނުމެއް ނުވެ އެވެ.