އިމްޕޯޓް އެކްސްޕޯޓް

ތެލުގެ އިމްޕޯޓް 41 ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ތެޔޮ އިމްޕޯޓުކުރި އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 41.5 ޕަސަންޓް އިތުރުވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓުކުރީ 1.7 ބިލިއަން ރުފިޔާގެ ތެލެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 12.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު ޖުމްލަ އިމްޕޯޓްގެ 20 ޕަސަންޓަކީ ތެލެވެ.

ތެލުގެ އިމްޕޯޓު މަހުން މަހަށް

  • ޖެނުއަރީ - 820 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 967.9 މިލިއަން ރުފިޔާ
  • މާޗް - 758.3 މިލިއަން ރުފިޔާ

ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 2.6 ބިލިއަން ރުފިޔާގެ ކާބޯތަކެތި އަދި ދެ ބިލިއަން ރުފިޔާގެ މެޝިނަރީ އިމްޕޯޓުކޮށްފައިވެ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ބޮޑު ޕަސަންޓަކީ ތެލާއި ކާބޯތަކެތީގެ އިތުރުން މެޝިނަރީ އެވެ.