މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ އަނެއްކާވެސް މީހަކު ފިލައިފި

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި މީހަކު ފިލައިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ފިލައިގެން އުޅޭ މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

މި މީހާ ފިލިކަން ފުލުހުންނަށް އެނގުނީ ގއ. ވިލިގިއްޔަށް ގެންދަން ވެގެން ބެލިއިރު ޕޮލިސް ސްޓޭޝަންގައި ނެތުމުން ރޭ މެންދަމު 12:57 ހާއިރު އެވެ.

ފުލުހުން ބުނީ މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އަދި މި މީހާ ފެނިފައި ނުވާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ޕޮލިސް ފިލައިގެން އުޅޭ އެ ރަށު މީހާ އަކީ ރަށުތެރޭގައި ކުށުގެ ވެށީގައި އުޅޭ ގާތްގަނޑަކަށް 48 އަހަރުގެ މީހެއް ކަމަށެވެ.

"އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ނަމަ މި މީހާ ޕޮލިސް ސްޓޭޝަނުން މި ފިލީ ދެވަނަ ފަހަރު. ދާންދޫ މިއީ ގއ. އަތޮޅުގެ އާބާދީގެ ގޮތުން ދެވަނަ. އެކަމަކު މިރަށުގައި މި ތިބެނީ ދެ ފުލުހުން. ކިހިނެއްތޯ ރަށުތެރެ ބަލަހައްޓާނީ،" އޭނާ ބުންޏެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކުވެސް މިމަހުގެ ފަސްވަނަ ދުވަހު ފިލި އެވެ. ނަމަވެސް ފުލުހުންގެ ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު މިމަހުގެ ހަވަނަ ދުވަހު އޭނާ ހޯދާފައިވެ އެެވެ.