ކުއްލި ޚަބަރު

ޖީޑީޕީގެ އަތުން ގުޅީފަޅު އަތުލައި ރަށް ސަރުކާރަށް ނަގައިފި

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކާފައިވާ ގުޅީފަޅު ތަރައްގީ ކުރަން ހަވާލުކޮށްފައިވާ، ގްލޯބަލް ޕްރޮޖެކްޓް ޑިވަލޮޕްމަންްޓް (ޖީޑީޕީ) ގެ އަތުން ގުޅީފަޅު އަތުލައި، އެ ރަށާ މިއަދު ސަރުކާރުން ހަވާލުވެއްޖެ އެވެ. އެ ރަށް ތަރައްގީ ކުރުމުގެ ކަންކަން ހަވާލުކުރަން ނިންމާފައި ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ، ގުޅީފަޅު އިންވެސްޓްމަންޓާ އެވެ.

ގުޅީފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ތަރައްގީ ކުރަމުން އައި ރަށެކެވެ. އެހެން ނަމަވެސް މިހާ ދުވަސް ވީ އިރުވެސް އެރަށް ތަރައްގީ ނުކުރެވޭތީ، މި ސަރުކާރުން ނިންމީ ޖީޑީޕީގެ އަތުން އެ ރަށް ނަގައި އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓާ ހަވާލު ކުރާށެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްއޯފުލުހުން ގުޅީފަޅަށް ދިޔައީ، ގުޅީފަޅު އިންވެސްޓްމަންޓުން އެދިގެން އެ ރަށާ ހަވާލުވުމުގެ ކަންކަމުގައި އެ ކުންފުންޏަށް އެހީތެރިވުމަށް ކަމަށެވެ. އެގޮތުން ގުޅިފަޅު އިންވެސްޓްމަންޓުން އެ ރަށަށް ދިޔަ މީހުންނާ އެކު ފުލުހުން އެ ރަށަށް ގޮސް އެރަށުގައި ހުރި، ޖީޑީޕީގެ މުދަލާއި މީހުންގެ ބޮޑު ބައެއް ވަނީ މިހާރު އެތަނުން ހުސްކޮށްފަ އެވެ.

ތިލަފުށީ ކައިރީގައި އޮންނަ ގުޅީފަޅުގެ ބައެއް މީގެ ކުރިން ހިއްކައި އެތަނުގައި ފްލެޓްތަކާއި އެހެން ވެސް ބައެއް ތަންތަން ތަރައްގީކޮށްފައިވެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ރަށް ތަރައްގީ ކުރުން އޮތީ ހުއްޓިފަ އެވެ. ގުޅީފަޅު ފްލެޓުތަކަށް އެކުންފުނިން ވަނީ 200 އެއްހާ މީހުން އަތުން ރުފިޔާ ވެސް ނަގައިފަ އެވެ. ނަމަވެސް އެކަން ހުއްޓުމަކަށް އައިފަހުން ބައެއް ފަރާތްތަކަށް ރުފިޔާ ވެސް ވަނީ އަނބުރާ ނުލިބިގެން ދަނީ ޝަކުވާ ކުރަމުންނެވެ.

ޖީޑީޕީގެ ލޯޔަރު ޝާހީމް ހަމީދު ވިދާޅުވީ އެ ރަށް ދައުލަތަށް ނެގި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން، މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށެވެ.

ގުޅީފަޅު އިންވެސްޓްމެންޓްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލު ވިދާޅުވެފައިވަނީ، ޖީޑީޕީ އަތުން ގުޅީފަޅު ނަގަން ނިންމީ އެ ކުންފުންޏަށް ގުޅީފަޅު އެއްވެސް ވަރަކަށް ތަރައްގީ ކުރެވިފައިނުވާއި ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ ކަމަށެވެ.

ގުޅީފަޅު ތަރައްގީގެ މަޝްރޫއުތަކާއި ބެހޭގޮތުން "އަވަސް" އާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ގުޅީފަޅު ތަރައްގީގެ މަޝްރޫއާ މިހާރު ހަވާލުކޮށްފައިވާނީ ޓޫރިޒަމް މިނިސްޓްރީއާ ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީ ހަވާލުވެފައިވާ މަސައްކަތަކީ އެ ތަނުގެ ފްލެޓްތަކަށް ލާރި ނަގައިފައި ހުރި ފަރާތްތަކަށް ގެދޮރު ހޯދައި ދިނުން ކަމަށެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ގުޅީފަޅު އޮންނާނީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކަމަށާއި އެތަން ތަރައްގީވެގެން އަންނަ އިރު މާލޭގެ ބަނދަރުގައި އަޅާ ލޯންްޗްފަހަރާއި ޔޮޓް ފަދަ އުޅަނދު އަޅާ ބަންކަރިންއެއް ވެސް ހަދާނެ ކަމަށެވެ. އަދި ޓޫރިޒަމާ ގުޅުން ހުރި ބައެއް މަސައްކަތްތައް ވެސް އެތަނުގައި ހިނގުން އެކަށީގެންވާ ކަމަށް މިނިސްޓްރ ވަނީ ވިދާޅުވެފަ އެވެ.