ރައްޔިތުންގެ މަޖިލިސް

ނަން އިއްވުމުން ފަލާހް ނުނިކުންނެވި، މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހްގެ ނަން އިއްވުމުންވެސް މަޖިލީހުގެ ތަޅުމުން ނުނިކުންނެވުމުން މަޖިލިސް ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ފަލާހްގެ ނަން އިއްވީ ބަހުސްގައި އެމްޑީޕީގެ މެންބަރުންނަށް ވަގުތު ދޭ ގޮތާމެދު އެ ޕާޓީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށެވެ.

އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަވެސް ކުރައްވާފަ އެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ މެންބަރު ފަލާހުގެ ނަން އިއްވާފަ އެވެ.

މަޖިލީހުގެ ތަޅުން ދޫކުރައްވާ ފަލާހު ނުނިކުންނެވުމުން މަޖިލިސް ވަގުތުކޮޅަކަށް މެދުކަނޑާލި އެވެ. ގާތްގަނޑަކަށް 17 މިނެޓަށްފަހު އަލުން މަޖިލިސް ފެށިއިރުވެސް ފަލާހް މަޖިލީހުން ނުނިކުންނަވަ އެވެ.

ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ ފަލާހު މަޖިލީހުން ނުނިކުންނެވުމުން މަޖިލިސް ނިންމަވާލެއްވީ ކަމަށް ވަނީ އިއުލާނު ކުރައްވާފަ އެވެ.