ގާސިމް އިބްރާހިމް

ގާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ގާސިމަށް ރިޔާސީ ޓިކެޓް އެރުވުން އޮންނާނީ ޖޫން ނުވަ ވަނަ ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާއެއްގައި ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މާޗް 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މާޗް 30 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު ޕާޓީގެ ލީޑަރު ގާސިމުގެ އިތުރުން އެހެން އެއްވެސް މީހަކު ފޯމު ހުށަހަޅާފައިނުވެ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.