ކްރިމިނަލް ކޯޓް

ގެއަކަށް ވަދެ ބިރު ދެއްކި މީހާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކޮށްފި

މާލޭގެ އެޕާޓްމަންޓަކަށް ގުރޫޕަކާ އެކު ވަދެ ތޫނު އެއްޗަަކުން މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން، މީހަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފި އެވެ.

ސަމީން ހައްޔަރުކުރީ ފުލުހުންގެ ވެބްސައިޓްގައި އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށް ހޯދަން އިއުލާން ކުރުމުން އޭނާ އަމިއްލައަށް އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

ސަމީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ސަމީންގެ މައްޗަށް ތިން ތުހުމަތެއް ކުރެ އެވެ. އެއީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ޖިންސީ ގޯނާކުރުމެވެ.

ކުށުގެ ރެކޯޑް އޮތް ސަމީން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރުމުންނާއި އޭނާ ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާ އޮތް ކަމަށް ފެންނާތީ އެވެ.

މާލޭގެ އެޕާޓްމަންޓަކަށް ގުރޫޕަކާ އެކު ވަދެ ތޫނު އެއްޗަަކުން މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުން ދިން ކަމަށް ސާމިންއަށް ތުހުމަތުކުރާއިރު އިތުރު ބަޔަކު މިމައްސަލައިގެ ތެރެއިން ހައްޔަރުކުރި ކަަމަކަށް ފުލުހުން ނުބުނެ އެވެ.