ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީ އަޑުއެހުންތައް ފަށައިފި އެވެ.
ޝާހިލް އަށް ދައުލަތުން ވަކީލެއް ހަމަޖައްސަައިދީފައިވަނީ މި އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އޮތް މިމައްސަލައިގެ ފުރުތަމަ އަޑުއެހުމުގައި ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމަށް ހުށަހަޅައި ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން ޝާހިލް އެދިފައިވާތީ އެވެ.
ޝާހިލްއަށް ކުރާ ދައުވާގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު މިއަދު މައިގަަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ މައްސަލައާއި ގުޅޭ ލިޔުންތައް ދެ ފަރާތަށްވެސް ހިއްސާކުރުމުގެ ބައެވެ. އެހެންކަމުން މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި ދައުލަތުން ޝާހިލްގެ މައްޗަށް ކުރާ ދައުވާތައް އިއްވުން އޮންނާނެ އެވެ. އަދި ދައުވާތަކަށް ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ލިބޭނެ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ މިމައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ ޝާހިލްއާއި ވަކީލް ބައްދަލުވެ މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދޭނެ ކަމަށް އެންގުމަށްފަހު އެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޝާހިލްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. ނަމަވެސް ޝާހިލްގެ މައްޗަށް ކުރަން ހުށަހަޅާފައިވާ ހުރިހާ ދައުވާއެއްގެ ތަފްސީލް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.
ޝާހިލްގެ މައްޗަށް ކުރެވޭ ދައުވާތައް:
- ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
- އޮރިޔާން ކާޑު ގެންގުޅުން
- މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުން
ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.
ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.
ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.
ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.