މުހައްމަދު ނާޒިމް

ޑްރަގު ގެންނަ މީހުންނަށް މަރުގެ އަދަބު ދޭންޖެހެނީ އެންމެންގެ ސަލާމަތަށް: ނާޒިމް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހެނީ އެންމެންގެ ސަލާމަތަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައި ނާޒިމް ވިދާޅުވީ އެއްވެސް ސަރުކާރަކަށް ޑްރަގުގެ މައްސަލަ ހައްލު ނުކުރެވުނު ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީ މީހާ ފުރުވާލާއިރު އަތުލައިގަނެވޭ މަސްތުވާތަކެތި ގެއްލޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ 30 ކިލޯ އިން 40 ކިލޯ އިން މަސްތުވާތަކެތި އެތެރެކުރާ މީހާއަށް މަރުގެ އަދަބު ދޭން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެންމެންގެ ސަލާމަށްޓަކައި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ގައުމީ އަދި ތައުލީމީ ވިސްނުންތަކަށް ޖާގަދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ގައުމީ ވިސްނުންތަކަށް ޖާގަދެއްވަންވެއްޖެ. ތަޢުލީމީ ވިސްނުންތަކަށާއި އިލްމީ ހައްލުތަކަށް ޖާގަ ދެއްވަން ވެއްޖެ. ދިވެހި ސިކުނޑިތަކަކުން ގެންނަ ދިވެހި ހައްލުތަކެއް ހޯދާން ނިކުންނަން ވެއްޖެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކައިގައި ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ދިވެހި މަސްކަނޑުތަކަކީ ދިވެހިންގެ ފުރިހަމަ ބާރުގެ ދަށުގައިވާ ތަންތަން ކަމުގައި ހެދުމާއި ބޭހާއި ދިރިއުޅުމަށް ސަލާންޖެހުން ދޫކޮށްލުމަކީ ތަސައްވުރެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މުއްސަނދިކަމާއި ފައިދާ ހުރިހާ ދިވެހިންނަށް ފުރިހަމައަށް ހޯދައިދިނުމާއި މަހުޖަނުންގެ އެހީގައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ޖެހޭ ޖެހުމަށް ނިމުން ގެނައުމަކީ އެމްއެންޕީގެ ތަސައްވަރެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.