ލައިފްސްޓައިލް

40 ކިނބޫ ވެގެން އެސޮރުމެންގެ ސާހިބުމީހާ ކާލައިފި

ކިނބޫ ގެންގުޅެ ބޮޑުކޮށް އެސޮރުމެންގެ ވިޔަފާރިކުރާ ކެމްބޯޑިއާގެ ދަނޑުވެރިޔަކު އޭނާ ގެންގުޅުނު ކިނބޫތަކުގެ ޝިކާރައަކަށް ވެއްޖެ އެވެ.

މި ދަނޑުވެރިޔާ ގެންގުޅުނު އެތައް ސަތޭކަ ކިނބުލުގެ ތެރެއިން 40 ވަރަކަށް ކިނބޫ ވެގެން އެ ސޮރުމެންގެ ސާހިބުމީހާ ކާލާފައިވަނީ ދިރިދިރި އޮއްވަ އެވެ. ކިނބޫތައް އެމީހާ ކާލީ ކުއްލިއަކަށް ދިމާވި އެކްސިޑެންޓެއްގައި އެ ކިނބޫތައް ބައިތިއްބާފައި ތިބި ތަނަށް އެމީހާ ވެއްޓުނީމަ އެވެ.

އެތައް ކިނބުލެއް އެއްފަހަރާ އައިސް އެމީހާއަށް ހަމަލަ ދިނުމުން އިސާހިތަކު އޭނާ ވަނީ މަރުވެފައި ކަމަށް ކެމްބޯޑިއާގެ ސިއެމް ރީޕްގެ ޕޮލިސް ޗީފް މޭ ސެވްރީ ވިދާޅުވި އެވެ.

އެމީހާ ކިނބޫތައް ގެންގުޅޭ ފާމް އޮންނަނީ ސިއެމް ރީޕްގެ އެކަހެރި ހިސާބެއްގަ އެވެ.

ކިނބޫތަކުގެ ޝިކާރައަކަށް ވެފައިވަނީ 72 އަހަރުގެ ލުއާން ނާމް އެވެ.

ކިނބޫތައް ހަމަލާދިން ވަގުތު އޭނާ މަސައްކަތް ކުރަމުން ދިޔައީ ކިނބޫތައް ބައިތިއްބާފައި ތިބި ތަނުގެ މަތީގައި ހުރި ކޮށިތަކަކަށް ލާފައި ހުރި ކިނބޫތަކެއްގެ ތެރެއިން ކިނބުލެއް ބިސް އަޅާފައިވާތީ އެ ތަނުން އެ ބިސްއެޅި ކިނބޫ ނެރުމަށެވެ.

ކިނބޫ ކޮށިން ނެރެނިކޮށް އެ މީހާ ގެންގުޅުނު ދަނޑިބުރިއަށް އެ ކިނބޫ ހަމަލާ ދިނެވެ. އަދި އެ ވަގުތު ސިއްސައިގެން ދިޔަ ބާރުގައި އެތާ ތިރީގައި ކިނބޫތައް ބައިތިއްބާފައިވާ ތަނަށް އެމީހާ ވެއްޓުނީ އެވެ. ވަގުތުން ކިނބޫތައް އައިސް އެމީހާއަށް ހަމަލާދީ މުޅި ހަށިގަނޑު ނޮޅާ ކުދިކުދި ކޮށްލީ އެވެ.

މި ޚަބަރު ލިބިގެން ފުލުހުން އައިސް އެ ފިރިހެން މީހާގެ ހަށިގަނޑު ނެގިއިރު އަތާއިފައި ވަނީ ކައިހުސްކޮށްލާފަ އެވެ. ލޭ ކޯރަކަށް ވެފައިވާ ފެންގަނޑު ތެރެއިން ފުލުހުންނަށް ފެނުނީ އެމީހާގެ ހަށިގަނޑުގެ ބައެއް ބައިތަކެވެ. އަނެއް ބައިތައް ވަނީ ކިނބޫތައް ކައި ހުސްކޮށްފަ އެވެ.

ނާމް އަކީ ކެމްބޯޑިއާގެ ކްރޮކޮޑައިލް ފާމާސް އެސޯސިއޭޝަންގެ ރައީސް އެވެ. އޭނާގެ މި ވިޔަފާރި ހުއްޓާލަން ގިނަ ބަޔަކު އޭނާއަށް އިލްތިމާސް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ކެމްބޯޑިއާގައި މިފަދަ ހާދިސާއެއް 2019ގައި ވެސް ހިނގާފައި ވެއެވެ. އެކުއްޖާ ވެއްޓުނީ އޭނާގެ އާއިލާއިން ގެންގުޅުނު ކިނބޫތަކެއް ލާފައިހުރި ފެންގަނޑަކަށެވެ.