ރައީސް މުހައްމަދު ނަޝީދު

ވަޒީރުން ޖަވާބުދާރީ ކުރެވޭނީ ބަރުލަމާނީ ނިޒާމުން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުން ބަރުލަމާނީ ނިޒާމާއެކު ހައްލު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރުން ޖަވާބުދާރީ ކުރުވުމަށް ގިނަ ދުވަސް ނަގާ ކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ ޕާލިމަންޓް ނިޒާމު -- ބަރުލަމާނީ ނިޒާމަށް ބަދަލު ނުކުރެވޭނަމަ އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

"މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުންދާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު 10 ވަރަކަށް ވަޒީރުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ބެކްލޮގް ސާފުނުކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ރިޔާޒް ވިދާޅުވީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބެންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށެވެ. ނަމަވެސް ޖަވާބު ލިބުމަށް ތިން މަސް ދުވަސް ނަގާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު އިއްޔެވެސް މަޖިލީހުގެ އިދާރާއަށް ގުޅިން. އަޅުގަނޑު ފޮނުވާފަ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ނުލިބޭތީ. އަޅުގަނޑަށް ދެއްވި ޖަވާބަކީ (ފިނޭންސް) މިނިސްޓަރަށް ވަގުތުނުވެގެން ޖަވާބު ނުދެނީ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އަންނަ މަހު ނިމޭއިރު ވަޒީރުންނަށް ކުރަން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭނަމަ މެންބަރުންގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ނުކުރެވޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.