ޓެކްނޯލޮޖީ

އެންމެ ގިނަ މީހުންގެ ޕާސްވޯޑަކީ "123456"

މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޕާސްވޯޑަކީ "123456" އާއި "password" ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

"ސްޕްލޭޝްޑޭޓާ" އިން ބުނީ މިދިޔަ އަހަރު އެކި ގޮތްގޮތުން އާންމުވި 3.3 މިލިއަން ޕާސްވޯޑަށް ބަލާއިރު އެންމެ ގިނައީ "123456" ކަމަށާއި ދެން އެންމެ ގިނައީ "password" ކަމަށެވެ. އަދި އެންމެ ގިނަ 25 ޕާސްވޯޑްގެ ތެރޭގައި ނުވަ ޕަސެންޓަކީ ހިސާބު ނަންބަރުތައް ކަމަށް ދިރާސާ އިން ވަނީ އެނގިފަ އެވެ.

"ކީބޯޑުން ފަސޭހަ ތަރުތީބަކަށް ޖަހާލެވޭ ޕާސްވޯޑްތަކުގައި ރައްކާތެރިކަން ކިތަންމެ ކުޑަ ނަމަވެސް އަދިވެސް އެއީ އެންމެ ގިނަ މީހުން ޕާސްވޯޑް ޖަހަން ހިޔާރުކުރާ ގޮތް،" ސްޕްލޭޝްޑޭޓާގެ ސީއީއޯ މޯގަން ސްލައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަ އެކަނި ހިސާބު އަކުރުތަކުގެ މައްޗަށް ބިނާކޮށްފައި ހުންނަ ޕާސްވޯޑް ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް، ނަންބަރުތަކެއް ތަރުތީބުން އަތުރައިގެން ޕާސްވޯޑް ޖެހުމަކީ އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް މޯގަން ވިދާޅުވި އެވެ.

"...ވެބްސައިޓްތަކުގައި މިހާރު ދަނީ އަކުރާއި ނަންބަރު ހިމެނޭ ގޮތަށް ދިގު ޕާސްވޯޑްތައް ޖަހަންޖެހޭ ގޮތް ހަދަމުން. މިއީ ސަލާމަތީ ގޮތުން ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅެއް ނަމަވެސް މިއީ ވެސް އެހާ ރައްކާތެރި ގޮތެއް ނޫން."

ދިރާސާގައި ބުނެފައި ވަނީ ހިސާބު އަކުރުތަކެއް ތަރުތީބުކޮށްލާފައި ހުންނަ ޕާސްވޯޑްތައް މިހާރުވެސް ވަރަށް އާންމުކޮށް ބޭނުންކުރި ކަމުގައި ވިޔަސް ކުރިއާ އަޅާބަލާއިރު އެކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި މިކަމުގައި ހޭލުންތެރިކަން އިތުރުވަމުން އަންނަ ކަމަށް ޑޭޓާސްޕްލޭޝް އިން ބުނެފައިވެ އެވެ. -- އާރްޓީ