ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މާރާމާރީ ހިންގުމަށްފަހު ފިލި މީހާއާއި އޭނާ ފިލަން އެހީވި މީހުންނަށް ދައުވާކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށްފަހު ފިލައިގެން އެތައް ދުވަހަކު އުޅުނު ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި އޭނާ ފޮރުވައިގެން ގެންގުޅުނު މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ފައިހް ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ މެންދަމު 00:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގެ ތުހުމަތުގަ އެވެ.

ފައިހް ހައްޔަރުކުރީ އޭނާ ހޯދަން ފެށުމުން ފިލައިގެން އެތައް ދުވަހަކު އުޅުމަށްފަހު މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް އަމިއްލަ ހާޒިރުވުމުންނެވެ. ފައިހް ފުލުހުންނާ ހަވާލުވީ އޭނާ ފޮރުވައިގެން އުޅުނު ދެ މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.

ފައިހް ފޮރުވައިގެން އުޅުނު ދެ މީހުންނަކީ ލ. ގަން، ތުނޑި، ނެވަކޯން، އަބްދުﷲ ޖުނައިދުއާއި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބް އެވެ. މި ދެ މީހުންގެ މައްޗަށް ދައުލަތުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. މި ދެ މީހުންނަށް ކޮށްފައިވަނީ ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިއަ ނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ފައިހްގެ މައްޗަށް ވެސް މިދިޔަ އޭޕްރީލް 19 ވަނަ ދުވަހު ދައުލަތުން ވަނީ ދައުވާތަކެއް ކޮށްފަ އެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއާއި ގައިގާ އަތްލުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.

މީގެއިތުރުން މި މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، އަލީ ފާރިޟްއާއި، މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެެވެ. މި މީހުންގެ މައްޗަށް ކޮށްފައިވަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.