އެމްޓީސީސީ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ޖޫން 15ގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާ އޮންނާނީ ޖޫން 15 ވަނަ ދުވަހުގެ ރޭ 8:30ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގަ އެވެ.

މި ޖަލްސާއަށް ހާޒިރުވެގެން ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އެޕްރީލް 12 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.

އަހަރީ ޖަލްސާގައި އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި 2021 ވަނަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން އޮންނާނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަލާފައިވާ އަދަދު ފާސްކުރުން އޮންނާނެ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން ރަޖިސްޓްރީން ވާންޖެހެ އެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރު ހާސިލުކުރި މާލީ ނަތީޖާއާއެކު ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން ޖުމްލަ 32.15 މިލިއަން ރުފިޔާ ބެހުމަށް ވަނީ ޑިރެކްޓަރުންގެ ބޯޓުން ވަނީ ނިންމާފަ އެވެ.