ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ -- "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސޮއި ހަމަކޮށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

ފޯމުތައް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3،560 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ލިބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުކަން ފާހަގަ ކުރައްވާ ހަސަން ލަތީފު ވިދާޅުވީ "ޓާގެޓް" އަށް ފޯމު ހަމަކުރެވިފައިވާ ކަމަށާއި ފޯމުތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށެވެ.

ހުށަހެޅި ފޯމުތައް ވެރިފައިކުރުން އަވަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ މުއައްސިސް ކަމުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މޭ 21 ވަނަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނު ގޮތާ ގުޅޭގޮތުން ހަސަން ލަތީފް މީގެ ކުރިން ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ނިކުތީ ހިތްހަމަނުޖެހޭ ސިފަތަކެއް އެ ޕާޓީގައި މިހާރު ހުރުމުން ކަމަށެވެ. އަދި އެ ސިފަތައް ދެން އިސްލާހުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.