ޓޫރިޒަމް

މޭ މަހު ފަތުރުވެރިންގެ އަދަދު 3.7 ޕަސަންޓް ދަށަށް

ރާއްޖެއަށް މިއަހަރުގެ މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ 3.7 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭމަހު ރާއްޖެއަށް ޒިޔާރަތްކުރީ 120،960 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު 125،528 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ކުރި އެރި ނަމަވެސް މޭ މަހު ފަތުރުވެރިކަން ވަނީ ދަށަށް ގޮސްފަ އެވެ.

ފަތުރުވެރިންގެ އަދަދުތައް މަހުން މަހަށް

  • ޖެނުއަރީ - 172،499 ފަތުރުވެރިން
  • ފެބްރުއަރީ - 177،915 ފަތުރުވެރިން
  • މާޗް - 173،514 ފަތުރުވެރިން
  • އެޕްރީލް - 164،357 ފަތުރުވެރިން
  • މޭ - 120،960 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަން މޭ މަހު ދަށަށް ދިޔައީ ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވަނިކޮށެވެ.

ރަޝިއާގެ ފަތުރުވެރިންގެ އަދަދު ދަަށަށް ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 809،245 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 702،332 ފަތުރުވެރިންނެވެ.