ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މޮޓޯކޭޑަށް ހުރަސް އެޅި މީހުންނަށް ދައުވާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސްއެޅި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިދިޔަ މާޗް 20 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ވަރަށް ކައިރިން ބޮޑުތަކުރުފާނު މަގުންނެވެ.

ދައުލަތުން ދައުވާކުރަނީ މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

ދައުވާ ލިބޭ މީހުން

  • މުހައްމަދު އައްބާސް - ހުޅުމާލެ، 11328 ގޯތި
  • އަހްމަދު ރަޝީދު - ދަފްތަރު ނަންބަރު ރސ 9151
  • އަހްމަދު އަޒީލް - ހުޅުމާލެ، ފްލެޓް 06-2-154
  • އަހްމަދު ސިނާން - ގއ. ދެއްވަދޫ، އެސްޓަންވިލާ
  • މަރިޔަމް މާޝާ - ށ. ބިލެތްފަހި، ސޭޑީކޯނަ

އައްބާސްއާއި، އަހްމަދު ރަޝީދުއާއި އަޒީލްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. މި ތިން މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ނިމިގެން ދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

ސިނާންއާއި މާޝާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނުލްއުގޫބާތު 615 މާއްދާގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، އެ ގާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ނިމިގެން ދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.