ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އައްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ޝަންގްރިއްލާގައި ހިންގާ އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމެނޭއިރު ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ ޝަންގްރިއްލާ ފަށަން އޮތް ހުރަހަކަށް ނަހައްދަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެފަރާތާ ހިއްސާކޮށްފިން. އެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ވަނީ އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.
މި ރިސޯޓު ފުރަތަމަ ހުޅުވީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ހުޅުވާފައި ނުވާތީ އެއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.