ޓޫރިޒަމް

ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް އިންޑިއާ

ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް އިންޑިއާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 821،247 ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެ ތެރޭގައި އިންޑިއާގެ 95،851 ފަތުރުވެރިން ހިމެނެ އެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގައުމުން މިދިޔަ އަހަރު 241،369 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް އިންޑިއާ އަރާފައި މިވަނީ މީގެ ކުރިން އެއްވަނައިގައި އޮތް ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މޭ މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނިކޮށެވެ.

ރަޝިއާއިން މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 95،780 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 95،851 ފަތުރުވެރިން
  • ރަޝިއާ - 95،780 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 73،929 ފަތުރުވެރިން
  • ޖަރުމަނު - 60،998 ފަތުރުވެރިން
  • އިޓަލީ - 60،572 ފަތުރުވެރިން
  • ޗައިނާ - 47،690 ފަތުރުވެރިން
  • އެމެރިކާ - 33،754 ފަތުރުވެރިން
  • ފްރާންސް - 29،278 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 19،177 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 15،169 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 15 ޕަސަންޓް އިތުރުވެފަ އެވެ.

ފަތުރުވެރި ކަމަށް މިހާރު ރާއްޖޭގައި 1،243 ފެސިލިޓީ ހުރިއިރު އޭގެ ތެރޭގައި 170 ރިސޯޓާއި 900 ގެސްޓްހައުސް އާއި 160 ސަފާރީ އަދި 13 ހޮޓާ ހިމެނެ އެވެ.