ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ފަރާތުން ހެއްކަކަށް ރައީސްގެ ނަން ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުުގެ ނަހަމަ ގޮތުގައ ބޭނުން ކުރެއްވި މައްސަލައިގެ ޝަރީއަތުގައި އަދީބުގެ ފަރާތުން ހުށަހަޅާ ހެއްކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ހުށަހަޅައިފި އެވެ.

އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ދައުވާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 30، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި ކަމަށް އަދީބުގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލާގައި ހެކި ހުށަހެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ހުށަހަޅަން ފުރުސަތު ދިނުމުން އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވަނީ ހެކި ހުށަހަޅަން އިތުރު ފުރުސަތަކަށް އެދިފަ އެވެ. ސިރާޖު ވިދާޅުވީ، އަދީބު މާފުށީ ޖަލަށް ބަދަލުކުރެއްވުމާ ގުޅިގެން ބައްދަލުކުރަން ފުރުސަތު ނުލިބި، ހެކި ހުށަހަޅަން އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވަނީ އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ވިދާޅުވީ، ހެކި ހުށަހަޅަން ލިބޭނީ އެންމެ ފުރުސަތެއް ކަމަށާއި އެކަމަށް ބާއްވާ އަޑުއެހުމުގައި އެކަން ކުރަންޖެހޭނެ ކަމަށެވެ. އަދި މުވައްކިލްގެ ދިފާއުގައި މަސައްކަތް ނުކުރެވޭނަމަ މައްސަލައިން ތަނާޒަލްވުމަށް ގާޒީ އެދިލެއްވި އެވެ.

ވަކީލް ސިރާޖު އަދީބާ މަޝްވަރާކޮށްލުމަށް ދެ މިނެޓްގެ ވަގުތު ކޮޅަކަށް އެދުމުން ގާޒީ ވަނީ 15 މިނެޓްގެ ވަގުތުކޮޅެއްދީ ޝަރީއަތް މެދުކަނޑާލާފަ އެވެ. އަލުން ޝަރީއަތުގެ މަޖިލިސް ފަށާ، އަދީބަށް ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ވަނީ ދިފާއުގައި ހެކި ހުށަހަޅާފަ އެވެ.

އަދީބުގެ ފަރާތުން ހުށަހެޅި ހެކި:

  • ޓޫރިޒަމް މިނިސްޓްރީގެ ދެ ވަކީލުން ކަމަށްވާ ޝަހުދާ އަދި ފަޒީލް ޒާހިރު
  • ޓޫރިޒަމް މިނިސްޓްރީގެ ސިވިލް ސާވިސް ޑިޕާޓްމެންޓްގެ ޕާމެނެންޓް ސެކްޓްރީ ސޯލިހު
  • ކުރީގެ ޔޫތް މިނިސްޓަރު އަދި އިކޮނިމިކް ކައުންސިލް މެންބަރު މަލީހު ޖަމާލު
  • ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
  • ޓޫރިޒަމް މިނިސްޓްރީއަށް ރައީސް އޮފީހުން ފޮނުވާފައިވާ ދެ ސިޓީ

ދައުލަތުގެ ފަރާތުން ވެސް ވަނީ ދައުވާ ސާބިތުކޮށްދިނުމަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކި:

  • ޓޫރިޒަމް މިނިސްޓްރީގެ ސިޓީއެއް (19 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ)
  • ޓޫރިޒަމް މިނިސްޓްރީއަށް އެމްއެމްޕީއާރްސީއިން ފަޅު ރަޖިސްޓާކުރުމަށް ހުށަހެޅި ސިޓީ
  • ރައީސް އޮފީހުގެ ސިޓީއެއް
  • ފަޅު ކުއްޔަށް ދޫކުރުމަށް އެމްއެމްޕީއާރްސީއާއެކު ޓޫރިޒަމް މިނިސްޓްރީންވި އެއްބަސްވުން
  • ޓޫރިޒަމް މިނިސްޓްރީއާއި އެބޮނީ ކުންފުންޏާ ދެމެދުވި އެއްބަސްވުން
  • އެމްއެމްޕީއާރްސީ އާއި އެބޮނީ ކުންފުންޏާ ދެމެދުވި އެއްބަސްވުން
  • ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ފޮނުވި ސިޓީއެއް
  • އެމްއެމްޕީއާރްސީގެ ސިޓީއެއް (29 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ)
  • އެސްއޯއެފް އެކައުންޓް ސްޓޭޓްމެންޓް
  • ސިއްރު ހެކީގެ ގޮތުގައި ހަ ފަރާތެއް
  • ސިއްރު ސިޓީއެއް

ހެކިންގެ ހުށަހަޅަން ތައްޔާރުވުމަށް ގާޒީ ވަނީ ބަންދު ދުވަސްތައް ނުލައި 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއް ދުވަހެއްގެ ހުރިހާ ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފަ އެވެ. ފުރަތަމަ ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމަށް ނިންމާފައިވާއިރު ދިފާއީ ހެކިންގެ ހެކިބަސް ނަގާނީ ދައުލަތުގެ ހެކިންގެ ހެކި ބަސް ނިމުމުންނެވެ.