ހާމިދު އިސްމާއިލް

އަލުން ހާމިދު ހައްޔަރުކުރީ އިންޓަލް ރިޕޯޓަކާ ގުޅިގެން: ދައުލަތް

ހާމިދު އިސްމާއިލް
0%
0%
0%

ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރި ހާމިދު އިސްމާއިލް، އަލުން ހައްޔަރުކޮށް މާފުށީ ޖަލަށް ބަދަލުކުރީ ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި، ކުއްލި ގޮތަށް ދަންވަރު ކޯޓެއް އަމުރެއް ނެރެ، ހާމިދު އަލުން ހައްޔަރު ކުރުމާ ގުޅިގެން ހާމިދުގެ ވަކީލުން ވަނީ ސުވާލު އުފައްދާފަ އެވެ. ހާމިދުގެ ވަކީލުންނަކީ ހުސްނުއް ސުއޫދު އަދި ހަނީފާ ހާލިދެވެ.

ހާމިދުގެ ވަކީލުން އުފެއްދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ދައުލަތުގެ ވަކީލް އަހުމަދު ހިޝާމް ވިދާޅުވީ، ހާމިދު ގޭބަންދުން ޖަލަށް ބަދަލުކުރީ، ލިބުނު އިންޓެލް މައުލޫމަތާ ގުޅިގެން ކަމަށާއި އެކަން ކުރީ ބަންދު ރިވިއުކުރަންޖެހޭ ފަދަ ސަބަބެއް އޮތީމަ ކަމަށެވެ. އަދި އިންޓެލް ރިޕޯޓް ބަންދު ރިވިއު ކުރެއްވި ގާޒީއަށް އަރުވާފައިވާނެ ކަމަށެވެ.

ހާމިދުގެ ގޭބަންދުގައި ހުއްޓާ ޖަލަށް ބަދަލުކުރުމަށް އަމުރެއް ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަބުދުލް ބާރީ ޔޫސުފެވެ.

ދައުލަތުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ހުސްނުއް ސުއޫދު ވަނީ އިތުރު ސުވާލުތަކެއް އުފައްދަވާފަ އެވެ. އެ ގޮތުން ސުއޫދު ވަނީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ނޫން އެހެން ފަނޑިޔާރަކަށް ބަންދު މުރާޖާކުރެވޭނެތޯ ސުވާލުކޮށްފަ އެވެ. އަދި ހާމިދުގެ ބަންދު މުރާޖާކުރީ ޕީޖީގެ އެދުމަކަށްތޯ ވެސް އެއްސެވި އެވެ. މީގެއިތުރުން ހާމިދުގެ ޣައިރު ހާޒިރުގައި ބަންދު މުރާޖާކުރެވޭނެ ތޯ ވެސް ސުއޫދު އެއްސެވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ބަންދު މުރާޒާކުރުމަކީ އިސް ގާޒީ ނުވަތަ އިސް ގާޒީ ކަނޑައަޅުއްވާ ގާޒީއަކަށް ކުރެެއްވޭނެ ކަމެއް ކަމަށެވެ. އަދި ހާމިދުގެ ބަންދު މުރާޖާކުރުމަށް ޕީޖީއިން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހިޝާމް ވިދާޅުވީ، ހާމިދުގެ ޣައިރު ހާޒިރުގައި ވެސް ބަންދު މުރާޖާކުރެވޭނެ ކަމަށާއި ބަންދާމެދު ނިންމި ގޮތް، އިސްތިއުނާފު ކުރުމުގެ ފުރުސަތު ހާމިދަށް އޮންނާނެ ކަމަށެވެ.

ސުއޫދު ވަނީ އިތުރު ސުވާލެއް ވެސް އުފައްދާފަ އެވެ. އެއީ ބަންދު މުރާޖާކުރުމުގެ ފުރުސަތު އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާޒީ ބާރީއަށް ދެއްވިތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓުގެ އެތެރޭގެ ކަންކަމަކީ ދައުލަތާ ހިއްސާކުރައްވާ ކަންކަން ނޫން ކަމަށެވެ.

މިއަދު އަޑުއެހުން ނިންމާލާފައިވަނީ ހާމިދަށް ޖަވާބުދާރީވުމަށް ފުރުސަތު ދީފަ އެވެ. އަދި ބަންދު މުރާޖާކުރުމުގައި ސުއޫދު ފާހަގަކުރެއްވި ނުކުތާތައް ގާޒީ ވަނީ ޝަރީއަތަށް ބަލައިގެންފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަލޯ

ސަލާމަތެެއ ނެތް. އިންޓެލް ރިޕޯޓަށް ހުކުމް އިއްވަނީ. އިންޓެލް ރިޕޯޓަށް ހުކުމް ނެރީ. އިންޓަލް ރިޕޯޓަކީ މަތިން ބާވާލައްވާ އެެއްޗެއްތަ؟ ނުވަތަ އެބަޔަކު ބޭނުންވާ ގޮތަށް ތައްޔާރު ކުރާ އެެއްޗެއްތަ؟ މިހާރު އޮޅިއްޖެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345