ހުޅުމާލެ

ހުޅުމާލޭގައި ކާރަކުން ޖެހި ސައިކަލްތަކެއް ހަލާކުވެއްޖެ

ހުޅުމާލެ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއް އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލް ތަކެއްގައި ޖެހި ސައިކަލްތަކެއް ހަލާކުވެއްޖެ އެވެ.

އެކްސިޑެންޓާ ގުޅޭ ފޮޓޯތަކެއް އާންމުވެފައިވާއިރު ފޮޓޯ ތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގީ ނިރޮޅުމަގަށްވާ ގޮތަށް ހުންނަ 37 ވަނަ ފްލެޓް ކައިރީގަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 8:52 ހާއިރު ކަމަށެވެ.

މިއެކްސިޑެންޓާ ގުޅިގެން ކާރުން ޖެހި ޕާކުކޮށްފައި ހުރި ހަ ސައިކަލަކާއި އެއް ބައިސްކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ އެތަނުގައި ގިނަ ބަޔަކު ދިރިއުޅެން ފެށުމާ އެކު ހުޅުމާލޭގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ ދުއްވާ ވެހިކަލްތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިބަދަލާ އެކު ހުޅުމާލޭގައި ހިނގާ އެކްސިޑެންޓް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެ އެެވެ.