ޓޫރިޒަމް

ޖޫން މަހުގެ ފުރަތަމަ ހަ ދުވަހުގެ ފަތުރުވެރިންގެ އަދަދު ދަށަށް

މިމަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި ރާއްޖެ އައީ 22،918 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 23،393 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާއިރު މިދިޔަ މަހަކީވެސް ފަތުރުވެރިން އަދަދު ދަށަށް ދިޔަ މަހެކެވެ. މިދިޔަ މަހު ރާއްޖެއަށް 120،966 ފަތުރުވެރިން ޒިޔާރަތްކުރިއިރު މި އަދަދަކީ މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއައި 125،528 ފަތުރުވެރިންނަށްވުރެ 3.6 ޕަސަންޓް ދަށް އަދަދެކެވެ.

ފަތުރުވެރިންގެ އަދަދު މޭ މަސް އަދި މި މަހުގެ މިހާތަނަށް ދަށް ނަމަވެސް، މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.7 ޕަސަންޓް ކުރީގަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 832،169 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 725،725 ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވެފައި މިވަނީ ރަޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނިކޮށެވެ.