ފިއުލް ސަޕްލައި މޯލްޑިވްސް

ހިފެހެއްޓި ބޯޓުގެ ފަޅުވެރިން ރާއްޖެ ގެނެސްފި

އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް -- އެފްއެސްއެމްގެ ދެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން ރާއްޖެ ގެނެސްފި އެވެ.

އެފްއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ ދެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި ދެ ބޯޓުގައި ތިބި މިސްރުގެ ފަޅުވެރިން މިސްރަށް ފޮނުވާލާފައިވާ ކަމަށެވެ.

ފަޅުވެރިން ރާއްޖެ ގެނެވުނު ނަމަވެސް އެރިޓްރިއާއިން އެ ދެ ބޯޓު ދޫނުކުރާތީ އެ ބޯޓުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް މި ދެ ބޯޓު އެރިޓްރިއާގެ ސިފައިން ހިފެހެއްޓީ ހުއްދަ ނުހޯދާ އެގައުމަށް ވަތް ކަމަށް ބަލާފައި އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.

އެ ދެ ބޯޓު އެރިޓްރިއާއަށް ވަނީ މޫސުން ގޯސްވެ، ބޯޓެއްގެ ހުންގާނަށް މައްސަލަ ދިމާވުމުންނެވެ. ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިއްބެވެ.

އެރިޓްރިއާގައި ހިފަހައްޓާފައިވާ ދެ ބޯޓަކީ މިސްރުގައި ބަނދެގެން ރާއްޖެއަށް ދަތުރުކުރި ދެ ބޯޓެވެ. މި ދެ ބޯޓަކީ އެފްއެސްއެމްގެ ބޭނުމަށް ބަންނަން ހަވާލުކުރި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. އެފްއެސްއެމްގެ ބޭނުމަށް ހަތަރު ބޯޓު ބަންނަން ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ދެ ބޯޓު ވަނީ މީގެ ކުރިން ރާއްޖެ ގެނެސްފަ އެވެ.