އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރަސްމީކޮށް އަންގަވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ފެބްރުއަރީ 19 ވަނަ ދުވަހު ދެއްވި ދައުވަތަށް ގާސިމް ޖަވާބު ދެއްވީ އިއްޔެ އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް އެޕާޓީން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވިން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އިންތިހާބުކުރުމަށް ޖޭޕީން މަސައްކަތްކުރިކަން ފާހަގަކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބުކުރުމަށް މަސައްކަތްކުރި ކަމަށާއި ޖޭޕީން ކުރި މަސައްކަތުން އެމްޑީޕީގެ ދެ ކެންޑިޑޭޓުން ދެ ފަހަރުވެސް އިންތިހާބުވި ކަމަށް ވިދާޅުވެފަ އެވެ.
އެ ދެފަހަރުވެސް ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރީ ރާއްޖޭގެ ސަރަހައްދާއި މިނިވަންކަމާއި އިސްތިގުލާލާއި ދިވެހިންގެ ދީން ރައްކާތެރިކުރުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭރު އެމްޑީޕީގެ ކެންޑިޑޭޓުންތައް ތާއީދުކުރެއްވީ ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގުތިސާދު ހިމާޔަތްކޮށް ކުރިއަރުވައި ރައްޔިތުންގެ މެދުގައި އިންސާފު ގާއިމުކޮށް ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް ގައުމަށް ތަރައްގީއާއި ކުރިއެރުން ގެނެސްދީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދިން ޔަގީންކަމުގެ މައްޗަށެވެ.
"ނަމަވެސް، މަނިކުފާނުގެ ޒައާމަތުގައި އެކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން،" ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް އެޕާޓީން ނިންމި ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމީ މިއަހަރުގެ ފެބްރުއަރީ 23-24 އަށް ބޭއްވި އެ ޕާޓީގެ ގައުމީ ކޮންގްރެސްގެ އިއްތިފާގުންނެވެ. އެ ގަރާރު ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރާނެ ކަމަށް ގާސިމް ވިދާޅުވިއިރު ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ރަސްމީކޮށް އެރުވުން އޮންނާނީ މިރޭ ބާއްވާ ޖަލްސާއެއްގަ އެވެ.