އިލެކްޝަންސް ކޮމިޝަން

ރިިޔާސީ އިންތިހާބުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕޭން ކުރުމުގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ރިޔާސީ އިންތިހާބު 2023ގެ ގަވާޢިދަށް އަމަލުކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި މި ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

މި ގަވާއިދުގައި ވަނީ ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ބަޔާންކޮށްފަ އެވެ.

އެގޮތުން ދީނީ މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ކިިޔަވައިދޭ ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ބުނެފައިވެ އެވެ.

ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީގެން ނުވާނެ ކަމަށާޢި ކެންޑިޑޭޓަކު ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެވަގުތަކާ ދިމާކޮށް އެހެން ކެންޑިޑޭޓަކު ބައްދަލުވުމެއް ބާއްވައިގެން ނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ވަކި ގޮތަކަށް ވޯޓުލުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށް ބިރު ދައްކައިގެންނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.