ރިޕޯޓް

އަސޭލާއަކީ ޔާމީނަށް ސިޔާސީ ސައިކްލޯނެއް ނޫން!

Feb 7, 2016
7

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީނަށް ވުރެ ސްޓެރެޓެޖީކް މަސައްކަތެއް ކުރެއްވި ބޭފުޅަކު ރާއްޖޭގެ ތާރީހަކު އަދިއަކު ފެނިއެއް ނެތެވެ. އަދި ވެރިކަމަށް ވަޑައިގަތް ރައީސުންގެ ތެރޭގައި ކުއްލި ކުއްލިއަށް ޓްރިގަރަށް ވަޑައި ނުގަންނަވާ ވަރުގެ ސީދާ "ޕްރޫވެން ޕްރެސިޑެންޓެ" އް ރައީސް އިބްރާހިމް ނާސިރު ފިޔަވައި އަދިއަކު ފެންނާކަށް ނެތެވެ. އަދި ވެރި ކަމުގެ ދެ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ސިޔާސީ "ސައިކްލޯން" އާ ކުރިމަތިލައްޗާ ފުލުން ދުއްވާލި ރައީސަކާ ވެސް ޔާމީން ފިޔަވައި އަދިއެއް ދިމައެއް ނުވެ އެވެ.

އެހެން ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ސިހުރުގެ ބާރު ބޭނުން ކުރެއްވި ކަމަށް ބުނެ ސްރީލަންކާގެ އަސޭލާ ވިކްރަމަ ސިންހާ ކިޔާ މީހަކު ވަނީ ވާހަކައެއް އުފަން ކޮށްފަ އެވެ. އޭނާ ބުނާ ގޮތުން ސިހުރުގެ ކަންވެރިކަމުގައި ރައީސް ޔާމީންގެ ފަހަތުގައި ހުރީ އޭނާ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި "ޕޮލިޓިކަލް ޑެސްޕަރޭޓް ޕޮޒިޝަން" އެއްގައި މި ވަގުތު އެމްޑީޕީއެވެ. ސިޔާސީ ރޭހަށް ދުރުމި އަޅާއިރު ޑެސްޕަރޭޓް ޕޮޒިޝަނެއްގައި މި ވަގުތު ތިއްބެވި ލީޑަރުންނަކީ އަލިފާން ފޮށިތަކެއް އެ މަތިމައްޗަށް ޖަހައިލީމާ ހުންނަ ގޮތަށް ހިޔާނާތާއި ޖަރީމާގެ ދައުވާގެ ފައިލްތައް އެ ބޭފުޅަކާ ދެކޮޅަށް ޖަހާލެވި މިވަގުތި ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޓެރަރިޒަމް ކުށް ސާބިތުވެ ޖަލުގައި ހުންނަވަނިކޮށް ކުއްލި އޮޕަރޭޝަނަކަށް ބޭރަށް ވަޑައި ނުގެންނެވިއްޖެ ނަމަ ޕެރަލައިޒް ވެދާނެ ކަމުގެ ބިރަށް ބޭހަށް އިނގިރޭސި ވިލާތަށް ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެހެން ކަމުން އިނގިރޭސި ވިލާތުގައި އަރުވާލެވިގެންނާއި މާލޭގައި ފޮރުވިފައި އޮތް އަދީބުގެ "ޕޮލިޓިކަލް ސާކަލް" އާއި އެމްޑީޕީ އާއި ނަޝީދަށް އަސޭލާގެ ވާހަކަވީ ރަނަށެވެ.

ސިހުރިވެރިއެއް ކަމަށް ބުނާ ސްރީލަންކާގެ އަސޭލާއަކީ އިންޑިޔާގެ އަންދްރަޕްރަދޭޝްއަށް އުފަން ޕީރެއް ކަމަށްވާ ސަތިޔަ ސައިބާބާގެ ބާރުތައް އޭނާއަށް ލިބިފައިވާ ކަމަށް އަމިއްލައަށް ގަބޫލްކޮށްގެން އުޅޭ މީހެކެވެ.

ހަގީގަތުގައި ސަތިއަ ސައިބާބާއަކީ ވެސް ޕީރެއް ނޫނެވެ. ޕީރުންނަކީ ވަލީވެރީންގެ ދަރަޖަ ލިބިފައިވާ ބައެއް ނުވަތަ ޖަމާއަތެއް، އެހެންނާ ސިޔާސީ ކަލްޓެއް އެ ގޮތުގައި ދެކޭ މީހުނެވެ. ސައިބާބާއަކީ ކުރިން ހުރި ސައިބާބާ ނުވަތަ ޝިރްޑީ ސައިބާބާގެ އާތަމާލައެއް – ރީއިންކާނޭޝަންއެއް -- ކަމަށް ދައުވާކުރި މީހެކެވެ.

ހިންދޫންނާއި ސޫފީ މުސްލިމުންގެ މެދުގައި ވެސް ޝިރްޑީ ސައިބާބާ މަޝްހޫރެވެ. ކުއްލިއަކަށް ތެދުވެގެން އުޅޭ އަސޭލާއަކީ އަމިއްލައަށް ޕީރަކަށްވެގެން އުޅޭ މީހެކެވެ. އެކަމަކު އެފަދަ މީހެއްގެ އެއްވެސް ސިފައެއް އަދި އުޅުމާއި ގޮތްފޮތާއި ވައްޓަފާޅިވެސް އަސޭލާގެ ކިބަޔަކުން ފާޅެއް ނުވެއެވެ.

ޝިރްޑީ ސައިބާބާގެ އެންމެ މަޝްހޫރު ދެ ޖުމްލައަކީ "ސަބް ކާ މާލިކް އޭކް" -- ހުރިހާ އެއްޗެއްގެ ވެރި ފަރާތަކީ އެކެއް -- އަދި "ﷲ މާލިކް" -- ހުރިހައި ކަމެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށް – ކަމަށް ވިދާޅުވާ ދެ ޖުމްލަ އެވެ. މީގެ މާނައަކީ ސައިބާބާ ދުވަހަކު ވެސް އޭނާއަކީ ކަލާނގެއެއް ކަމަކަށް ދައުވާއެއް ނުކުރެއެވެ.

ނަމަވެސް އަމިއްލަ ޕީރަކަށް ވެގެން ނުވަތަ މާ މޮޅު ސިހުރުވެރިއަކަށް ވެގެން އުޅޭ އަސޭލާއަކީ ހުރިހާ އެއްޗެއްގެ ވެރި ފަރާތް ކަމަށް ގަބޫލުކޮށް ބޮޑާވެގެނެގެން އުޅޭ މީހެއްކަން އޭނާ ރާއްޖޭ ޓީވީއަކަށް ދިން އިންޓަވިއުއިން ވަރަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު އޭނާއަކީ ރީއިންކާނޭޝަންއެއް ގެ އެއްވެސް ސިފައެއް ލިބިފައިވާ މީހެއް ނޫނެވެ.

ސިކުނޑީގެ ކެންސަރު ޖެހިވާ މީހާ ބޮލުގައި ސައިބާބާ އަތް ބީއްސާލުމުން ކެންސަރުން ސަލާމާތްވެއޭ ބުނާ ގޮތަށް އަސޭލާ އޭނާގެ ދުލުން ދޫކޮށްލުމުން ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލި ޕޮލިޓިކަލް ފެބްރިކޭޝަނެއްގެ ސަބަބުން ރައީސް ޔާމީން ވެރިކަން ވެއްޓި މުއިޖާޒަތަކުން އެމަނިކުފާނު އުފުލައިލެވި ދޫނިދޫއަށް ގެންދާނެ ކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ސަބަބަކީ ސިހުރަކީ ބާތިލު އެއްޗަކަށްވާތީ އެވެ. އެއީ އޮތް ކަމެއް ނުވާތީ އާއި އަސޭލާއަކީ އެފަދަ ބާރެއްގެ ލިބިފައިވާ މީހަކަށް ނުވާތީ އެވެ. – ދެތިކި ޕީ

ވަރަށް އާދައިގެ ސުވާލެއް ކޮށްލަން ހެއްޔެވެ؟ އެއްވެސް ރީއިންކާނޭޝަންއެއް އެއްވެސް ކަމެއްގައި ޗެލެންޖް ކުރޭ ހެއްޔެވެ؟ ދުވަހަކު ވެސް ނުކުރާނެ އެވެ. އެއީ އެމީހުން ވެސް ގަބޫލް ކުރާ ކަމަކަށް ނުވާތީ އެވެ. އެހެން ސުވާލެކެވެ! ރާއްޖޭގެ އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ އާއި ރައީސް މައުމޫންގެ ޕީޕީއެމާއި ގާސިމް އިބްރާހިމްގެ ޖޭޕީ މަސައްކަތް ކުރި ހެޔެވެ؟

އިންތިހާބަށް އިއުލާން ކުރުމުގެ މާކުރިން އެމްޑީޕީން ވަނީ ރައީސް ނަޝީދާއެކު "އެއްބުރުން" އިންތިހާބު ކާމިޔާބު ކުރަން ދިގު ދެމިގެން ދިޔަ ވަރުގަދަ، ހަރަދު ބޮޑު ކެމްޕޭނެއް ކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީން ވެރި ކަމަށް ގެނައުމަށް ރައީސް މައުމޫނު އިސްވެ ޕީޕީއެމުން ކުރި މަސައްކަތް ކިތަންމެހާވެސް ބޮޑެވެ. މި ދެބައި މީހުންނަށްވުރެ މާ ކުރިން ކެމްޕޭން ފައްޓަވައި އާދަޔާހިލާފު ބުރަ މަސައްކަތެއް ގާސިމް ކުރެއްވި އެވެ. އެވަރަށް ހަރަދު ކުރެއްވި އެވެ.

ރައީސް މައުމޫން ވިދާޅުވާ ގޮތަށް މި ދެންނެވި ތިން ސިޔާސީ ކޭމްޕްގެ މަސައްކަތް ފޯރީގައި ހިނގި އިރު އެއިން އެއްވެސް ދިމާއަކުން އަސޭލާއެއް ނުފެނެ އެވެ. އެހާ ވަރުހުރި މީހެއްގެ ސިހުރުގެ ބާރުވެރިކަން ޕީޕީއެމަށް ލިބުނު ނަމަ ޕީޕީއެމުން ކުރި މަސައްކަތް ކޮބައި ހެއްޔެވެ؟ އެއީ ކަނޑު އެޅި ރޮނގެއް ހެއްޔެވެ؟

އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ޕާޓީން ހޯދި ކާމިޔާބުގެ ހިސާބު ދިމާ ކުރާނީ ހެއްޔެވެ؟ މިހާރު ބާރުގަދަ ރީއިންކާނޭޝަންއެއް އޭރު ނުފެނި ތިން ކޭމްޕަށް ހެއްދެވިހާ ސިޔާސީ ބުރަ މަސައްކަތް ޖައްސާފައި ދެ އަހަރު ފަހުން ކުއްލިއަކަށް މި ފައިދާވީ ކީއްވެ ހެއްޔެވެ؟ އަދި ޗެލެންޖް ކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ އަސޭލާ ދައުވާ ކުރާ ރީއިންކާނޭޝަން ސަތިއާ ސައިބާބާ ވެސް އަދި ސިރްޑީ ސައިބާބާ އަކީ ދުވަހަކު ވެސް ކަމެއްގައި އާންމު ޗެލެންޖެއް ކުރެއްވި ޕީރުންނެއް ނޫނެވެ.

އަސޭލާ އާއި ޕޮލިޓީޝަނުންގެ ވާހަކަ އާއި އޭނާގެ ސިހުރުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މީނާގެ އަވާގައި ސްރީލަންކާގެ ބައެއް ޕޮލިޓީޝަނުން ވެސް އަދި ރާއްޖޭގެ ޕޮލިޓީޝަނުން ވަނީ މީގެ ކުރިން ޖެހިފައެވެ. ސުވާލަކީ އަސޭލާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ހަގީގަތުގައި އަސޭލާއަކީ "ކްއިކް ބަކް ކަލެކްޓާ" އެކެވެ. އޭނާގެ ބޭނުމަކީ ޕޮލިޓީޝަނުންގެ އަތުން ގާތްގާތުގައި ފައިސާ ހޯދުމާއި ޕޮލިޓީޝަނުން ބްލެކްމެއިލް ކުރުމެވެ.

އެންމެ ރަނގަޅެވެ؛ އަގު ކިޔައިގެން އަސޭލާގެ ހެދި ކަމަށް ބުނާ ސިހުރެއްގެ ބާރުގައި ރައީސް ޔާމީން ވެރި ކަމަށް ވަޑައިގެންނެވި ކަމަށް ބަލަމާ ހެއްޔެވެ؟ ބޭނުންވީމާ ކޮންމެ ކަމެއް، އަދި ކޮންމެ އުފަލެއް ހާސިލު ކުރެވޭ އަދި އޭނާއަށް އޭނާގެ މުސްތަގުބަލް ވެސް އެނގޭ އަދި ބޭނުން ގޮތަކަށް ބައްޓަން ކުރެވޭ ކަމަށް ބުނާ ދަރަޖައިގެ ވެރިޔާ ކުއްލި ގޮތަކަށް "ޕޮލިޓިކަލް ޑެސްޕަރޭޝަން" އެއްގައި އޮތް އެމްޑީޕީ އާއި އެ ޕާޓީއަށް ވާގިވެރިވާ ޓީވީއެއްގެ އެހީ ހޯދަންވީ ކީއްވެގެން ހެއްޔެވެ؟ މި މައްސަލަ އދ. އާ ހަމައަށް ގެންދާނެ ކަމަށް ބުނަނީ ކީއްވެގެން ހެއްޔެވެ؟

އެއްވެސް ރީއިންކާނޭޝަންއެއް މީހެއްގެ ބޮލުގައި ފިރުމާއިރު، ސިހުރަށް ކާށި ޖަހާއިރު ފެން ކިޔަވާއިރު ކަނޑަށް ފާލަން އަޅާއިރު އަދި ސިހުރުގެ ފާލަމުގެ ކޮޅަށް ފަސްތަނުން ބަނދެ ކަށިމާ ފައްތާއިރު އޭނާގެ ޕޭޝަންޓާއެކު ދެކެވޭ ވާހަކަ ރެކޯޑެއް ނުކުރާނެ އެވެ. ރީއިންކާނޭޝަންއެއްގެ އުސޫލާ ހިލާފު ކަމެކެވެ. އަދި އެފަދަ ރީއިންކާނޭޝަންއެއް ސާކަލް އިން އެމީހަކު ބޭރުކޮށްލާނެ އުގޫބާތް އޮންނަ ކަމެކެވެ. ވީއިރު އަސޭލާ ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށްވާނަ ނުވަތަ ފޯނުން ވާހަކަ ދެއްކެވިނަމަ އެ ދެއްކެވި ވާހަކައެއް ރިކޯޑް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އަސޭލާގެ ކޮންވަޒޭޝަނަށް ބަލާއިރު ސިހުރިވެރިޔަކު، އަދި ޕީރަކު ދައްކާނެ އެއްވެސް ވާހަކައެއްގެ އަސަރު ވެސް އެ ކޮންވަޒޭޝަންގެ އެއް ވެސް ދިމާއެއްގައި ނެތެެވެ. އަދި މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގެ ސިޔާސީ މައިދާނަށް ދަމާލާފައިވާ ސިހުރުގެ ކަޅު ރޮނގު ވަރުން އަޅުވާލާއިރު އަސޭލާގެ ކޮންވަޒޭޝަންގައި ސިހުރާ ގުޅޭ އެފަދަ އެއްވެސް ވާހަކައެއް ނެތެވެ. އެ ބަސް މަގު އަމުދުން ނުވެސް ހައްދަވަ އެވެ.

މުޅި ކޮންވަޒޭޝަނަކީ އާޓަކީ "ހެލްތް" އެވެ. ހަމަ އެހެންމެ ކޮންވަޒޭޝަންގެ ސީކްއެންސް ދިމާ ނުވާ އިރު އެއީ ވަރަށް އާދައިގެ ކެޒްއަލް ކޮންވަޒޭޝަނެކެވެ. ރައީސް ޔާމީންގެ ޕޮލިޓިކަލް ސްޓެރެޓީޖް ގޭމްޕްލޭނެއްގައި އެވަރުގެ ތިލަ ކޮންވަޒޭޝަނެއް އަސޭލާގެ ލެވެލްގެ މީހަކާ ދައްކާފާނެ ކަމުގަ ބުއްދީގެ ހަމައިން ބަލާއިރު ވަރަށް ނާދިރު ކަމެކެވެ.

ގާސިމް އިބްރާހިމް ބައްދަލު ކުރާށޭ ރައީސް ޔާމީން ވިދާޅުވި ކަމަށް އެއްފަހަރު ބުނެ އެވެ؛ އަނެއް ފަހަރު ރައީސް ޔާމީން ކަމަށް ސިފަކޮށްދޭ މީހާ ހައިރާންވެފައި އަހަނީ ކަލޭ ގާސިމާވެސް ބައްދަލު ކުރީ ހެއްޔޭ އެވެ؟ އަނެއް ކަމަކީ ކޮމްޕެޓިޓާއަކީ ރައީސް ނަޝީދު ކަމަށްވާއިރު ނަޝީދު ބަލި ނުކުރީ ކީއްވެގެން ހެެއްޔެވެ؟ އިންތިހާބުގެ ހުރިހާ މަރުހަލާއެއްގައި ވެސް ނަޝީދު އޭނާގެ ސްކޯ ހޯއްދެވި އެވެ. ވީމާ ކޮމެޕެޓިޓާއަކީ އެއީ އެވެ. ހުރިހާ ވާހަައެއް ހިމުން ފުރޭންޏަކަށްލީމާ މިއީ ކޮންމެވެސް މިންވަރެއްގެ ހަގީގީގަތެއް އެކުލެވޭ ކެޒްއަލް ކޮންވަޒޭޝަނެއް، އެކަމަކު ޖުމްލަ ގޮތެއްގައި ފެބްރިކޭޝަނެއް ކަމަށް ވަރަށް ޔަގީނެވެ.

– މީގެ މާނައަކީ ރައީސް ޔާމީން އަސޭލާއާ ބައްދަލުވެގެންނާއި ފޯނު މެދުވެރިކޮށް ވާހަކަފުޅު ނުދައްކަވާ ކަމަކަށް ސާބިތެއްވީއަކީއެއް ނޫނެވެ. ނަމަވެސް އެކަމަށް ފުރިހަމަ އެސްޓަބްލިޝްމެންޓެއް ގެނެވޭނީ ފޮރެންސިކް ވޭވް ސްޓަޑީއެއް ހަދައި އެނަލައިޒް ކޮށްގެންނެވެ. –

އަސޭލާއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީން ހިންގި ސިޔާސީ ހަރަކާތުގެ ފުޅާ ކޭމްޕްގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެގެނަ ރޫޅާލި ފަހުން އުސްފަސްގަނޑު ހިފައި އެތާނގައި މިސްކިތެއްގެ ނަމުގައި ތަނެއް އަޅައި ކޮށި ކޮށީފައި ކާޅު ބަންދުކޮށް ކޮތަރާއި ރަތް ހާ ކަތިލައި އެ ދިމާއިން މޫދަށް ފާލަން އަޅައިގެން އެމްޑީޕީގެ ސިހުރު ހެދި އިރު އެކަމަށް އެހީތެރިވެ ދިނުމުގެ ގޮތުން ރާއްޖެ އައި މީހެކެވެ.

ބައެއް ރިވާ ބުނާ ގޮތުން އަސޭލާ ދެ ފަހަރު މާލެ އައެވެ. ފުރަތަމަ ފަހަރު އައިސް ކާޅު އުދުއްސާ ދުން އަޅާ ހަދާފައިވެއެވެ. އަދި އުސްފަސްގަނޑުގައި އެޅި ފާލަމުން ދޫކުރި ކާޅު ތޮށިގަނޑުން ބޭރުވެ އަނބުރާ މާލެއަށް ޖައްސައިފިނަމަ ރައީސް ނަޝީދަށް 2013 އިގެ އިންތިހާބު ކާމިޔާބު ވާނެ ކަމަށް ބުނެފައި ވެއެވެ. އެ ކާޅު އަނބުރާ މާލެ އަށް އެރި އެވެ. އިންތިހާބުގައި ނަޝީދު މޮޅެއް ވެސް ނުމެވި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ކޮށި އަރުވާލައި އެ ސަރުކާރު ވައްޓާލުމަށް މުޅި މާލެ ކުޑަކޮށް އެމްޑީޕީން ހިނގިއިރު ގެންގުޅުނު ދުން މުޖުމަރާއަކީ އަސޭލާ ކިޔަވާފައިވާ ކުމުންޒާނި އެންދި މުޖުމަރާއެއް ކަމަށް ތަފާތު އެކައުންޓްތައް ބުނީ އިއްޔެ ޓީވީއަކުން އަސޭލާއާ ހަވާލާދީ ރިޕޯޓެއް އެއާކޮށްގެނެއް ނޫނެވެ. އެއީ އޭރު ވެސް ދެއްކި ވާހަކައެވެ. އަދި އަސޭލާއަކީ ރީއިންކާނޭޝަންއެއް ކަމަށް އޭރު އަމިއްލައަށް އެމްޑީޕީއަށް ކޮންވިސް ކޮށް ދިނުމުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ އެކި ތަންތަނުގައި ސައިބާބާގެ ފޮޓޯތައް ތަތްކުރި ހަނދާތައް މީހުން ސިކުނޑިން އަދިއަކު ނުފިލަ އެވެ.

އަސޭލާ ދެވަނަ ފަހަރަކަށް ރާއްޖެ އައި ކަމަށް ބުނަނީ ކޯނި ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ސިންގަޕޫރުގެ ޖަޖް ސެލްވަމްގެ ހިތް އެމްޑީޕީގެ މައްޗަށް އަނބުރައިލަން ކިޔަވާށެވެ. އެހެން ނަމަވެސް މިއީ ކަށަވަރު ވާހަކައެއް ނޫނެވެ.

ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި އެ ފަހަރު އަސޭލާ މާލޭގައި ހުއްޓާ ވަރަށް ބޮޑަށް ބަލިވެގެން އަނބުރާ ދިޔައީ އެވެ. "އެމްޑީޕީން އަޅައިނުލައި ދޫކޮށްލީ" ކަމަށް ބުނެ އޭގެ ފަހުން ދިވެހި ވިޔަފާރިއަކު މެދުވެރިކޮށް އެސްޓަބްލިޝް ކުރި ލިންކެއްގެ ތެރެއިން ވަހީދު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް އޭރު ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އަސޭލާ ބައްދަލުކޮށް ގާތް ކަމެއް އުފައްދާފައިވެއެވެ.

އަސޭލާއާ އަދީބާ ގުޅުން ބަދަހިކޮށްފައި ވަނީ ސިހުރިވެރިއެއްގެ ގޮތަށްވުރެ ބޮޑަށް ރާއްޖެއަށް ބޭނުންވާނެ އިވެންސްޓްމެންޓް ޓްރޭޑް ލިންކްތައް ހޯދައިދޭ މީހެއްގެ ގޮތު އެވެ. ނަމަވެސް އޭނާއަކީ އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފަހިވާ ގޮތަށް ސިހުރު ހަދައިދޭން އުޅޭ މީހެއްކަން އަދީބަށް އެނގިވަޑައިގަންނަވާތީ އޭނާ އަދީބު ގާތުގައި އެކަން ޑިނައި ކޮށްފައެއް ވެސް ނުވެއެވެ. އަދީބު ވަނީ އޭނާ އާ ގާތް ކަމެއް ބާއްވައި ރަނގަޅު ދަނޑިވަޅުގައި ބޭނުން ހިފަން ފަށާފައެވެ.

އަސޭލާއަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕްސާގެ ދަރިފުޅު ނަމަލް ރާޖަޕަކްސާއާ ގާތް ގުޅުމެއް އޮތް ކަމަށް ބުނާ މީހެކެވެ. ނަމަލް މެދުވެރިކޮށް ވިޔަފާރީގެ ގުޅުންތައް އުފައްދައި މާލޭގައި ކާރު ޖެހުމުގެ ހަރަކާތްތަކެއް ހިންގުމަށް އަދީބު ވަނީ އެކި ފަހަރު އަސޭލާއަށް ފައިސާދީފަ އެވެ.

އަސޭލާގެ ފަރާތުން ދެތިން ޓްރޭޑް ލިންކެއް އައިސްފައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ ވިޔަފާރިވެރިޔަކާއި އަދީބު ވެސް ހިމެނޭ ގޮތަށް ވިޔަފާރި ކުރާ ކަމަށް ބުނެ އެވެ. އޭގައި ނަމަލް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އަޑުތައް ވެސް އޮވެއެވެ. މި ސިހުރުގެ ވާހަކަ ކުއްލިއްކަށް ތެދުވާން ޖެހުނު މައިގަނޑު އެއް ސަބަބަބަކީ ރައީސް ޔާމީން ފައްޓަވާފައި ކަރަޕްޝަންތައް ބެލުމުގެ އާ ސިޔާސަތުގެ ތެރެއިން އެފަދަ ކޮންމެވެސް ވިޔަފާރިއެއް ރޫޅިގެން ހިނގައިދާނެތީ ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.

ފަހަރުގައި އެފަދަ ވިޔަފާރިވެރިންނާއި އަދީބާއެކު ޓްރޭޑް ނެގޯޝިއޭޓަރެއްގެ ގޮތުގައި ދައްކާ އަސޭލާ އާއި ރައީސް ޔާމީނު ވެސް ކެޒްއަލް ގޮތެއްގައި ބައްދަލުވެގެންނާއި ފޯނުން ވާހަކަފުޅު ދައްކަވައި ފޮޓޯ ނަގާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއަށް ބާރުލިބޭ އެއް ކަމަކީ ކޮލަމްބޯގައި ހުނަން ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެންޓެވިއެއްގެ ގޮތު އަސޭލާ ހަރަކާތްތެރިވެފައިވާތީ އެވެ. އެސްއެމްއެސްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ރައީސް ޔާމީންގެ އެސްއެމްއެސް ކުރެއްވުން ހުންނަ ގޮތް މި ފެބްރިކޭޝަނެއް ގެނައި ބަޔަކަށް ރަނގަޅަށް އެނގިފައި ނެތް ކަން ވަރަށް ބޮޑަށް ސާބިތުވާތީ އެވެ. ފަހަރުގައި އެހެންވީ މަންޒަރުގައި އަދީބު ނެތުމުން ކަމަށްވުން ގާތެވެ.

އެމްބަސީގެ ބައެއް މުވައްޒަފުން ބުނާ ގޮގުގައި އަސޭލާ "ޑިމާންޑް ހައި" މީހެކެވެ. ޑީޕީއެލް ބޯޑްގެ ކާރެއްގައި އުޅުމަކީ އޭނާ ގެ ވަރަށް ބޮޑު ޝައުގެކެވެ.

ރާއްޖޭގެ ޓީވީއަށް އަސޭލާ މައުލޫމާތު ހިއްސާކޮށް އެ ވާހަކަތައް ފެބްރިކޭޓް ކުރން ބޭނުންވާ ގޮތަށް ޓިއުން ކުރި ދުވަހުވެސް އަސޭލާ ދިވެހި ހައިކޮމިޝަނުގެ މުވައްޒަފަކާ ގުޅައި ބިރު ދައްކާފައިވެއެވެ.

ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ އެންމެ ފަހުން މައިތްރިޕާލާއާ ވާދަކުރައްވާ ވެރިކަން ގެއްލުނު އިރު، އޭގެ ދެދުވަސް ކުރިން ރާޖަޕްސާ ހޮވި ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ދެ ސިހުރިވެރިޔަކު ވާހަކަ ދެއްކެވި އެވެ. އޭގެ ތެރެއިން އެކަކީ އަސޭލާ އެވެ.
އަދި އިންތިހާބުގައި ވާދަ ކުރެއްވުމުގެ ކެމްޕޭނުގައި ޖެފްނާއަށް ވަޑައިގެން "މިއީ ދަންނަ އިބިލީހޭ. މި އިންތިހާބުގައި ދަންނަ އިބިލިސް މޮޅުވާނެ ކަމަށް ދަންނަ މީހާ" ބުނާ ކަމަށް ހަވާލާދޭ މީހާއަކީ މި އަސޭލާ ކަމަށް ބެލެވެއެވެ. މުޅިން ޔަގީނެއް ނޫނެވެ. ސަބަބަކީ މީނާއާ އެހެން މީހަކު އެކަމުގައި މަސައްކަތް ކުރި ކަމަށް ވާތީ އެވެ.

ހަގީގަތުގައި ކުއްލި ގޮތަކަށް އަސޭލާ ހޭލައްވާލައިގެން އުޅެނީ އިނގިރޭސީ ވިލާތާއި އެހެން ބައެއް ގައުމުތަކުގައި ތިބި އަދީބުގެ ބައެއް ގާތް މީހުންނެވެ. އެކަން ކުރާނެ ގޮތުގެ މައުލޫމާތު ރައްކާކޮށް އަދީބު އެމީހުންނަށް ފޯރުކޮށްދީފައި ވަނީ ޗައިނާއިން ރާއްޖައި މަގުމަތީގައި އިނގިރޭސި ވިލާތަށް ފޮނުވާލީ ދެ ފޯނެއްގައި ރައްކާކޮށްފައިވާ ބައެއް މައުލޫމާތު ބޭނުންކޮށްގެނެވެ. މީގެ ތެރެއަށް އެމްޑީޕީ ވައްދައި އެމްޑީޕީއަށް މަދަދުދޭ ފަރާތްތަކާއި އަސޭލާއާ ގުޅުވައި ދިނީ އެ ދިމާއިންނެވެ.

ރާއްޖޭގައި އަބަދުވެސް މިފަދަ ސިޔާސީ ހަލުވައިލުމެއް އަންނަނީ ރައީސް ނަޝީދަށް ބާރެއް ގެއްލި ބާރު ހޯދަން ބޭނުވެފައި ހުންނަ ދަނޑިވަޅެއްގަ އެވެ. އެފަދަ އެއް ވާހަކައަކީ ރައީސް ޔާމީން ސިކުނޑީގައި ޓިއުމަރެއް އުފެދި އެމަނިކުފާނު ޖަރުމަނުގެ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވައި ފަޅައިގެން ޓިއުމަރު ނަގާކަމަށް ބުނެ ފެތުރި ވާހަަކަތަކެވެ. ޖަރުމަނުގެ ވަރަށް މޮޅު ޑޮކްޓަރަކު އެމްޑީޕީއަށް އޭގެ ލިޔުންތަކާއެކު ޔަގީންކޮށްދިން ވާހަކަތަކެވެ. މިދިއަ އޯގަސްޓް ކުރިން އެ އޮޕަޜޭޝަން ނުކޮށްފިނަމަ ރައީސް ޔާމީން ކޯމާއަކަށް ދާކަމަށް ބުނެ ދެއްކި އެ ވާހަކަތައް ކޮބައިހެއްޔެވެ؟ ވީތާކުވީ އެވެ. އެކަމަކު މޮޅު ޑޮކްޓަރު އެފަދަ ވާހަކައެއް އެނގުނަސް އެއީ ހިއްސާކުރާނެ ވާހަކައަކަށް ނުޥާނެ އިރު އެއީ ދެރަ ޑޮކްޓަރަކު ވެސް ކުރާނެ ކަމެއް ނޫނެވެ. މިހުރިހާ ކަމަކަށް ބަލާއިރު އަސޭލާގެ ވާހައަކީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރެއަށް ސިޔާސީ ސައިކްލޯނެއްގެ ގެނައުމަށް އަދީބާއި ނަޝީދު ފަތުރައިލި ބާތިލު ވާހަކައެއް ކަން އެނގެ އެވެ. އަދި މި ވާހަކަތަކަކީ ސިޔާސީ ސައިކްލޯނަކަށްވުރެ ބޮޑަށް ޖޯކެކެވެ. – ލޮލް