މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޖުވެރިން ފުރާތީ އެއާޕޯޓުގެ ތޮއްޖެހުން ކުޑަކުރަން އިތުރު ފުލުހުން ނެރެފި

ދިވެހި ހައްޖުވެރިން މިއަދު ފުރާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓްރެފިކާއި އާންމުން ތޮއްޖެހުން ކުޑަކުރުމަށް އިތުރު ފުލުހުން އެއާޕޯޓުގެ ޑިއުޓީ ނެރެފި އެވެ.

ރާއްޖެ އިން މިއަހަރު ހައްޖަށް ފުރާ މީހުން ފުރާނީ މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ އެއާޕޯޓުގެ ތޮއްޖެހުން ބޮޑުވާނެތީއާއި ޓްރެފިކް ހަމައަކަށް އެޅުވުމަށް މިމުއްދަތުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެކި ބޭނުންތަކުގައި އެއާޕޯޓުން ފުރަންދާ މީހުންނާއި ހައްޖަށް ދިއުމަށްޓަކައި ފުރަންދާ މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު އެކި ތަންތަނަށް ފުރާ މީހުން ވަގުތު އޮއްވައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ދުރާލައި ނިންމުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ހައްޖުވެރިން ފުރުވުމަށް އެއާޕޯޓަށް ދާ މީހުންވެސް ފުލުހުން ދޭ އިރުޝާދަށް ތަބާވުމަށްވެސް ފުލުހުން އެދިފައިވެ އެެވެ.

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު މެންދުރުފަހު 3:10 ގައި ފުރުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ފުރާނީ މުޅިންވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ މީހުންނެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. އަދި ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27ވާ އަންގާރަ ދުވަހެވެ.