ދުނިޔެ

އެމެރިކާގެ ރައީސް އޮބާމާ އިންޑިއާ އަށް ވަޑައިގެންފި

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.

އަނބިކަނބަލުން މިޝޭލްއާ އެކު އޮބާމާ އިންޑިއާ އަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއާ އެކު ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އަދި މާދަމާ އިންޑިއާގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނެ އެވެ.

އޮބާމާގެ މަތިންދާބޯޓް އެއާފޯސް ވަން ހެނދުނު 10:00 ގައި ޖެއްސީ އިންޑިއާގެ އެއާފޯސް ސްޓޭޝަން ޕަލަމްގަ އެވެ. އޮބާމާގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޮދީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޮބާމާގެ ދެކަނބަލުން ތިއްބަވާނީ އައިޓީސީ މައުރްޔާ ހޮޓެލްގަ އެވެ.

އޮބާމާ ވެރިކަމާ ހަވާލުވެ ވަޑައިގެން ފަހުން އިންޑިއާ އަށް ކުރައްވާ މިއީ ދެ ވަނަ ދަތުރުފުޅެވެ. އޮބާމާގެ މި ދަތުރުފުޅަށް އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ނަމަވެސް މި ދަތުރުފުޅުގައި ތާޖް މަހަލް އަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމަށް ފަހު އެކަން މިހާރު ވަނީ ކެންސަލް ކުރައްވައިފަ އެވެ. އޮފިޝަލުން ވިދާޅުވަނީ އޮބާމާގެ ދަތުރުފުޅު ކުރުކޮށްލައްވަނީ ސައޫދީގެ ރަސްގެފާނު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ސައޫދީ އަށް ވަޑައިގަތުމަށް ކަމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ އޮބާމާ އިންޑިއާ އަށް މި ކުރައްވާ ދަތުރުފުޅުން، އިންޑިއާ އާއި އެމެރިކާއާ ދެމެދު މައްސަލަތަކެއް ޖެހުމަށް ފަހު ގުޅުންތައް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމަށެވެ.