އާޒިމާ ޝަކޫރު

ނާޒިމަށް ތާއީދުކުރަން އާޒިމާ ނިންމައިފި

އަންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ތާއީދު ކުރުމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ނިންމަވައިފި އެވެ.

އާޒިމާ ނެރުއްވި ބަޔާނެއްގައި ވަނީ ނާޒިމްގެ ކެމްޕޭންގައި ބައިވެރިވުމަށް ނިންމި ސަބަބުތައް ހާމަކުރައްވާފަ އެވެ.

އެގޮތުން އާޒިމާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިޔާމަތްކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ރާޢްޖޭގެ މިނިވަންކަމާޢި ގައުމުގެ ރައްކާތެރިކަން ބަލިކަށިކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ވެރިންގެ އާ ޖީލަކަށް އަދި ވެރިކަމުގެ އެންމެ މަތީ ފަންތީގައި އާ ވިސްތުންތަކަކަށް ފުރުސަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ، އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ވެރިކަމުގެ އެމްބިޝަނެއް އޮވެ އެކަމާ ކެރިގެން ކުރިމަތިލައި ސާބިތުކަމާއެކު މަސައްކަތްކުރުމަކީ މަގުބޫލު ސިފައެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ނާޒިމްއަކީ އޭނާގެ ސިޔާސީ އެމްބިޝަން އެއް އޮވެ، އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެން ނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވަނީ ނާޒިމްގެ ރިޔާސީ ކެމްޕެއިންގެ ސިޔާސަތު އެކުލަވާލުމުގައި އަދި އެހެން މަސައްކަތުގައި ނާޒިމްގެ އަރިހުގައި ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވިކަން ހާމަކުރައްވާފަ އެވެ.

ގައުމު މިއަދު ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އާރާސްތުކުރުމަށް ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެއީ އެންމެންގެ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭއިރު އެކަން ކުރެވޭނީ ވިސްނުންތެރިކަން އިސްކޮށް ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.