ކްރިމިނަލް ކޯޓް

"އިންޑިއާ އައުޓް" ލިޔުނު މީހާ ލިޔެކިޔުން ހުށަނޭޅުމުން ޖޫރިމަނާ އަދަބު ޖަލު އަދަބަކަށް

މާލޭގައި ހުންނަ ޗައިނާ އެމްބަސީ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މީހާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުހައްމަދު އަނީލް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މާޗް 26 ވަނަ ދުވަހުގެ އިރުއޮއްސި 6:45 ހާއިރު ޗައިނާގެ އެމްބަސީގެ ފާރުގައި ނޫކުލައިގެ ސްޕްރޭ ފުޅިއަކުން ސްޕްރޭކޮށް ގެއްލުންދިން މައްސަލައިގަ އެވެ.

ދައުވާއަށް އިއުތިރާފުވެ އަނީލް ވަނީ އެކަން ކުރީ މީހަކު ބުނެގެން ކަމަށް ބުނެފަ އެވެ.

އަނީލްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިން ކުށަށް އިއުތިރާފުވެފައިވާތީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަށް ދަށްކުރުމުން އައީ 27 ދުވަހުގެ ހުކުމެކެވެ.

އަދަބު ޖޫރިމަނާ އަދަބަކަށް ބަދަލުކޮށްދޭން އަނީލް އެދުނު ނަމަވެސް ޖޫރިމަނާ ދެއްކޭނެކަން ކަށަވަރުކޮށްދޭ ލިޔުންތައް އަނީލް ހުށަނާޅަ އެވެ.

މައްސަލައިގެ ތަހުގީގު މަރުހަލާގައި އަނީލް 14 ދުވަހާއި 19 ގަޑިއިރާއި އެއް މިނެޓު ބަންދުގައި ހުރެފައިވާތީ ޝަރީއަތުން ވަނީ އެއީ 15 ދުވަސް ކަމުގައި ބަލައި، އަނީލް ތަންފީޒުކުރަންޖެހޭނީ 12 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކަނޑައަޅާފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.