ރަހީނު ކުރުން

ރަހީނުކޮށްފައި ތިބި ތިން މީހުން ސަލާމަތްކޮށްފި

ހެންވޭރު ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ފިރިހެނުން ސަލާމަތްކޮށް މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ރަހީނުކޮށްފައި ތިބީ ދިވެހި ތިން ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި ތިން މީހުން ރަހީނުކޮށްފައި ތިބި ކަމުގެ މައުލޫމާތު ލިބިގެން އެ މީހުން ތިބި ތަނަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކުރި އިރު އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި 18 އަހަރު ނުވާ ކުއްޖަކު ވެސް ހިމެނެ އެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ރަހީނުކުރުމުގެ މި އަމަލު ހިންގި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ފުލުހުންވެސް ސަބަބާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.