އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ "ވަގުންގެ" ޕާސްޕޯޓު ހިފެހެއްޓުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަދުރޭ ވިދާޅުވީ މި ސަރުކާރުގައި ތިބެ "ވައްކަން" ކުރި މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންތައް ދެނެގަތުމުގެ މަސައްކަތް ކުރަން ތައްޔާރުވަމުންދާ ކަމަށާއި ސަރުކާރުގެ ކޮރަޕްޝަންތަކަށް ޖާގަ ނުދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދޭން ޕީޕީއެމް އާއި ޕީއެންސީ ތައްޔާރަށް ތިބި ކަމަށެވެ.
އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އަށް ގޮނޑީގެ ތެރެއިން ފަސް ގޮނޑި އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކުރުމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ އެއީ ސަރުކާރަށް ދިން ފިލާވަޅެއް ކަމަށެވެ.