ޑީޖޭއޭ

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭނެ: ޑީޖޭއޭ

އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުންވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުން އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހުއްދަވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށެވެ.

"އަލަށް އަމަލުކުރަން ފެށި ކޯޑު އޮފް ކޮންޑަކްޓްގެ ދަށުން މިކަން ބަދަލުވެފައެއް ނުވޭ،" ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑީޖޭއޭ އިން ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ޕާޓީ ޖަލްސާތަކުގައި ތަގުރީރުކުރުމާއި މުޒާހަރާތަކުގައި ބައިވެރިވުން ފަދަ ކަންކަމަކީ މަނާ ކަމެއް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

ސިޔާސީ ގޮތުން މަނާ ކަންކަމުގެ ދިގު ލިސްޓެއް ހިމެނުމުގެ ބަދަލުގައި ސިޔާސީ ހުރިހާ ހަރަކާތެއް އޭގައި ހިމެނޭ ގޮތަށް މިހާރު ވަނީ މަނާކުރެވިފަ ކަމަށްވެސް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

ޑީޖޭއޭ އިން ބުނީ އާ ކޯޑް އޮފް ކޮންޑަކްޓްއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުން އިމްޕާޝަލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ކަންކަމާޢި އެނޫން އިޖުތިމާއީ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.