ގްރީން ޓެކްސް

ގްރީން ފަންޑުގައި 988 މިލިއަން ރުފިޔާ

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގައި މިއަހަރުގެ މޭ މަސް ނިމުނުއިރު ހުރީ 988 މިލިއަން ރުފިޔާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ގްރީން ފަންޑުގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން މޭ މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރި 988 މިލިއަން ރުފިޔާގެ ތެރޭގައި މިދިޔަ އަހަރު ގްރީން ފަންޑުން ހަރަދުކޮށް ބާކީވި 774 މިލިއަން ރުފިޔާގެ އިތުރުން މިއަހަރުގެ މޭ މަހުގެ ނިޔަލަށް ގްރީން ފަންޑުން ހަރަދުކޮށް ބާކީވި 214 މިލިއަން ރުފިޔާ ހިމެނެ އެވެ.

ގްރީން ފަންޑަށް މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޖުމްލަ 476 މިލިއަން ރުފިޔާ ލިބުނުއިރު މޭ މަހުގެ ނިޔަލަށް ގްރީން ފަންޑުން 261 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ގްރީން ފަންޑަށް މި އަހަރުގެ މޭ މަހު 83 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މޭ މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް މޭ މަހު 29 މިލިއަން ރުފިޔާ ލިބުނުއިރު ރ. އަތޮޅުން ގްރީން ފަންޑަށް 8.2 މިލިއަން ރުފިޔާ ލިބުނެވެ.

ގްރީން ފަންޑުން މިއަހަރުގެ މޭ މަހު 7.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.