ފައްޔާޒް އިސްމާއީލް

ރައީސް ނަޝީދު އެމްޑީޕީން ވަކިވުމަކީ ހިތާމައެއް: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަކީ ހިތާމައެއް ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ އެންމެންނަށްވެސް އިހުތިޔާރުކުރާ މަގުން ކުރިއަށްދާން މަގުފަހިވާންޖެހޭ ކަމަށެވެ.

ފައްޔާޒު ވަނީ ރައީސް ނަޝީދުގެ ލީޑަޝިޕްގެ ދަށުން ޕާޓީއަށް ހޯދައިދެއްވި ކާމިޔާބީތަކަށް ޝުކުރު އަދާކުރައްވާ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިއަދު އެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީ ރައީސް ނަޝީދު ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ.

ރައީސް ނަޝީދަކީ އެމްޑީޕީން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އެމްޑީޕީ ރަޖިސްޓްރީކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރޭގައިވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.