އެމްއޭސީއެލް

ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

ފުރަން ހަމަޖައްސާފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިއުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލް އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ ސްކޫލު ޗުއްޓީ އާއި ބޮޑު އީދަށް އެކި ބޭނުންތަކުގައި ފުރާ މީހުން މިދުވަސްވަރު ގިނަވެފައި ވަނިކޮށެވެ.

އެމްއޭސީއެލް އިން ބުނީ މިދުވަސްވަރު އެއާޕޯޓުން ފުރާ މީހުން ގިނަވެ ޗެކިން ކިއުތަކުގައި ގިނައިރު މަޑުކުރަން ޖެހިދާނެ ކަމަށެވެ. އަދި ބައެއް ފްލައިޓްތައް ފުރުން ކޮންމެވެސް ވަރަކަށް ލަސްވެސް ވެދާނެ ކަމަށެވެ.

މީގެ އިތުރުން "އިމުގާ" މެދުވެރިކޮށް ދުރާލާ ޗެކް-އިން ފޯމު ފުރުމަށްވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.