އިމްޕޯޓާއި އެކްސްޕޯޓު އިތުރުވެ މިދިޔަ މޭ މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު އާމްދަނީ 19 ޕަސަންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މޭ މަހު ކަސްޓަމްސް އަށް އާމްދަނީގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު 19 ޕަސަންޓް އިތުރުވުމެކެވެ.
ތެލާއި ގޭސް ހިމަނައިގެން މިދިޔަ މަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު ފަސް ޕަސަންޓް އިތުރުވުމެކެވެ. ތެލާއި ގޭސް ނުހިމަނައި މޭ މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިއާއިންނެވެ. އެގައުމުން 901 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު އެއީ ޖުމްލަ އިމްޕޯޓުގެ 19 ޕަސަންޓެވެ.
ޔޫއޭއީ އިން 645 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު ޗައިނާއިން 642 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 551 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.
ރާއްޖެއިން މިދިޔަ މަހު 285 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މޭ މަހުގެ އެކްސްޕޯޓަށްވުރެ 37 ޕަސަންޓް އިތުރު މިންވަރެކެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.
ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. 61 ޕަސަންޓް -- 175 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ.
އިނގިރޭސިވިލާތަށް 17 ޕަސަންޓް -- 48 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު ހަތް ޕަސަންޓު -- 20 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ.