މަސްވެރިކަން

ހަތަރު މަހުން 35،000 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި

ރާއްޖެއިން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 35081 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު މަހުގެ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.5 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކުރީ 30،906 މެޓްރިކް ޓަނުގެ މަހެވެ.

މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓުކުރީ ކަޅުބިލަ މަހެވެ. އެގޮތުން 25،661 މެޓްރިކްޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން 3،496 މެޓްރިކްޓަނުގެ ރީނދޫ އުރަހަ ކަންނެއްޔާއި 5108 މެޓްރިކްޓަނުގެ މަސްދަޅު ވަނީ އެކްސްޕޯޓުކޮށްފަ އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއްގެ އަގު އެޕްރީލް މަސް ނިމުނުއިރު ހުރީ 30.8 ރުފިޔާގަ އެވެ.