އިލެކްޝަންސް ކޮމިޝަން

ވޯޓު ލިސްޓުގެ ޝަކުވާތަކަށް އީސީން ޖަވާބުދީފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ހުށަހެޅުނު ޝަކުވާތަކަށް ޖަވާބުދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގައި ޖުމްލަ 282،672 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އޭގެ ތެރޭގައި 138،317 އަންހެނުންނާއި 144،355 ފިރިހެނުން ހިމެނެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 11 އިން 22 ވަނަ ދުވަހަށެވެ. އެ މުއްދަތުގައި 551 ޝަކުވާ ލިބުނު ކަމަށް އީސީ އިން ބުނެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ލިބުނު ޝަކުވާތަކާ ގުޅިގެން ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފުތާ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށެވެ. އަދި ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް އާންމު ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަނި ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

އިންތިހާބެއްގައި ވޯޓުލާ މީހުންގެ ލިސްޓަކީ މުހިންމު އެއްޗަކަށްވާއިރު މި ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުން ވެސް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ޖުލައި 16 އިން އޮގަސްޓް ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ޖުލައި 29 ގެ ނިޔަލަށް ކަމަށާއި ޖުލައި 30 އިން އޮގަސްޓް ފަސް ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނި ކަމަށްވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ޖުލައި 23 އިން އޮގަސްޓް ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.