ޕީޕީއެމް

ޕީޕީއެމް އާއި ޑިމޮކްރެޓުންގެ ތިންވަނަ ބައްދަލުވުން މާދަމާ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ފެށި ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1:00ގައި މއ. ސައުތު ޝައިންގައި ހިންގަމުންދާ އޯޝަން ލައިބްރަރީގަ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ރަސްމީ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ނަޝީދު އަދި ރައީސް ޔާމީނެއް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށް ބުނެފައިވާތީ އެ ލިޔުން ކުށްވެރިކުރަން ޕީޕީއެމް ސެނެޓްގެ މެންބަރުން ވަނީ ޕީޕީއެމް-ޕީއެންސީ ލީޑަޝިޕަށް ގޮވާލާފަ އެވެ.

ޕީޕީއެމް=ޕީއެންސީ ކޯލިޝަނާއި ޑިމޮކްރެޓުންގެ މަޝްވަރާތައް ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ފުރަތަމަ ބައްދަލުވުން އޮތީ އޯޝަން ލައިބްރަރީގަ އެވެ. ދެވަނަ ބައްދަލުވުން އޮތީ ޕީޕީއެމްގެ އޮފީހުގަ އެވެ.

ޕީޕީއެމްއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް މިދިޔަ އަހަރު ރައީސް ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން އޭރު އިދިކޮޅު ކޯލިޝަނުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުރުމަށް ޖަލުގައި މިވަގުތު ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.