ވިޔަފާރި

އެމްއެމްޕީއާރުސީ ހަރުދަނާކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފަށައިފި

  • ސިސްޓަމަށް ބޮޑު ބަދަލެެއް އަންނާނެ
  • ކުންފުނީގެ ނަން ބަދަލު ކުރަން ޖެހޭނަމަ އެކަންވެސް ކުރާނެ
  • ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފަޅާއަރާފައިވާ، ސަރުކާރުގެ މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްއެމްޕީއާރުސީ) ގެ ހިންގުން ހަރުދަނާކޮށް ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްޑީ ހާރިސް ވިދާޅުވީ އެމްއެމްޕީއާރުސީ ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުގެ ހާއްސަ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ފުރަތަމަ ކަމަކީ އެމްއެމްޕީއާރުސީގެ ތެރެެއިން ހިންގި ކަންތައްތަކުގެ ތެރޭގައި ހުރި ހިޔާނާތުގެ މައްސަލަ ބެލުން. އެކަން ކުރުމަށް އޮޑިޓް ރިޕޯޓް އެވަނީ ނެރެވިފައި،" ކުރިން އެ ކުންފުނީގެ ބޯޑުގައި ވެސް ހުންނެވި، ހާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރިހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ބެލެވޭ، އެމްއެމްޕީއާރުސީގެ މައްސަލައިގެ އޮޑިޓް ރިޕޯޓް އޮޑިޓް އޮފީހުން ވަނީ ހުކުރު ދުވަހު ނެރެފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މި ހިޔާނާތުގެ ތެރެއިން 1.22 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެ އެވެ.

ސަރުކާރު މާކެޓިން ކުންފުނީގެ އެމްޑީ ހާރިސް ވިދާޅުވީ އެމްއެމްޕީއާރުސީ ހަރުދަނާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިޔާނާތުގެ އަމަލެއް ދެން ނުހިނގާ ގޮތަށް ސިސްޓަމްތައް ބަދަލު ކުރަން ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ މި ސިސްޓަމް ގާއިމް ކުރަނީ މުޅި ގައުމަށް އޭގެން ލާބަ އާއި މަންފާ އޮތް ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.

"ސިސްޓަމެޓިންކޮށް އޮގަނައިޒޭޝަން ސްޓްރަކްޗާ މިދަނީ ބަދަލު ކުރަމުން. އަދި ކޮންޓްރޯލް މެޝާސްތަކެއް ގާއިމް ކުރެވޭނެ. އިރާދަކުރެއްވިއްޔާ ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެ. މީގެ ބޭނުމަކީ އަޅުގަނޑު [ކުންފުނީގެ އެމްއެމް އިސްވެރިޔަކަށް ހުންނަ މީހާ] އަމިއްލައަށް ބޭނުންހާ ކަމެއް ކުރުމުގެ ކޮންޓްރޯލް ނުބޭއްވުން. ސަރުކާރުގެ އަމާޒަކީ ވެސް އެއީ ދެން މި ތަނަށް [އެމްއެމްޕީއާރުސީ] އަށް އަންނަ މީހަކަށް ވެސް ބޭނުންހާ ކަމެއް ކުރެވޭނެ ގޮތަށް ނުބޭއްވުން،" ހާރިސް ވިދާޅުވި އެވެ.

މި ބަދަލު ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ކުރިން އެމްއެމްޕީއާރުސީން ކުރަމުން ގެންދިޔަ ރިސޯޓު ހަދަން ރަށްތައް ކުއްޔަށް ދޫކުރުމުގެ މައްސަކަތް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހާރިސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ނަމަކީ ވަރަށް ފުރިހަމަ ނަމެއް ކަމަށާއި، މައްސަލަ ޖެހިގެން އުޅެނީ ނަން ބޭނުންކޮށްގެން މައްސަކަތް ކުރި މީހުންގެ މައްސަލަ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ޕޮލިސީ އަށް އަންނަ ބަދަލެއްގެ ސަބަބުން ނަން ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނަން. އެކަން އަދި ކޮންސިޑަރޭޝަންތަކުގެ ތެރޭގައި އޮތީ. ސަރުކާރުގެ ޕޮލިސީން ސަރުކާރުގެ އިސް ލެވަލްގައި އެކަން ނިންމަވާފައި، ސަރުކާރާއި މިނިސްޓްރީ އަދި ޓޫރިޒަމް އިންޑަސްޓްރީ އެއް ގަލަކަށް އެރިއްޖެނަމަ އެކަން ވެސް ކުރެވޭނެ. ނަމަވެސް އެފަދަ މަޝްކަތެއް އަދި ކުރިއަކަށް ނުދޭ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯކަސް ހުރީ އެ ފަދަ ކަމެއް ދެން ހިނގިޔަ ނުދިނުމަށް ކަމަށެވެ.

"ކަމެއް ތަހުގީގު ކުރުމަކީ ހުސްއެކަނި އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އެޅުން އެކަންޏެއް ވެސް ނޫން. ދެން އެފަދަ ކަމެއް ހިނގިޔަ ނުދިނުމަކީ ވެސް މީގެ ބައެއް. އެއީވެސް ކުރަން ޖެހޭ ކަމެއް،" ހާރިސް ވިދާޅުވި އެވެ.