މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު އަންނަ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ކުޅެން ނިންމައިފި އެވެ.
ގައުމީ ފުޓްބޯޅަ އިދާރާއިން މިއަދު ނެރުނު ފުޓްބޯޅަ ކަލަށްޑަރުގައިވާ މި މެޗުގައި ކުޅޭނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ނިއު އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން މާޒިޔާ އެވެ. މި ދެ ޓީމަކީ މި އަހަރުގެ އޭއެފްސީ ކަޕުގައި ވެސް ވާދަކުރާނެ ދެ ޓީމެވެ.
ރާއްޖޭގެ އެންމެ ބޮޑު ލީގު ކަމަށްވާ ދިވެހި ލީގު ފަށަން ހަމަޖައްސާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހު އެވެ. ލީގުގައި މި އަހަރު ވެސް އަށް ޓީމު ވާދަކުރާނެ އެވެ.
މިނިވަން 50ގެ ކުޅިވަރުތައް ބާއްވައިގެން ގަލޮޅު ދަނޑު ހަލާކުވުމުގެ ސަބަބުން ޝެޑިއުލް ކުރުކުރަން ޖެހިގެން މިދިޔަ އަހަރު ކެންސަލްކުރި އެފްއޭކަޕް މި އަހަރު ބާއްވާނެ އެވެ. އެ މުބާރާތް ފަށަން ނިންމާފައިވަނީ ޖުލައި 13ގަ އެވެ. ޕްރެޒިޑެންޓްސް ކަޕް އޮންނާނީ އޮކްޓޫބަރުގަ އެވެ. ރަށްރަށާއި އަތޮޅުތަކަށް ބާއްވާ މިނިވަން50 މުބާރާތް މި އަހަރު ފަށާނީ ޖުލައި 26ގަ އެވެ.
ބޭރު ޓީމުތައް ބައިވެރިކޮށްގެން ކުޅެން ނިންމާފައިވާ ޕޮމިސް ކަޕް ފަށާނީ ޑިސެމްބަރު 22ގަ އެވެ. އޭގެ އެއް ދުވަސް ފަހުން ޒުވާން ކުޅުންތެރިންނަށް ބާއްވާ 21 އަހަރުން ދަށުގެ ލީގު ފަށާނެ އެވެ.
މި އަހަރު އަލަށް ރެކްރިއޭޝަނަލް މުބާރާތެއް ބާއްވަން ޝެޑިއަލްކޮށްފައިވީ ނަމަވެސް މުބާރާތް ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ.