އިދިކޮޅު މުޒަހަރާގެ ތެރޭގައި ކުޑަ ކުއްޖަކާ އެކު ހުރި މީހަކު މިއަދު ހައްޔަރުކޮށްފައި ނުވާ ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ކޯލިޝަނުން މިއަދު ބޮޑުތަކުރުފާނު މަގުގައި މުޒާހަރާކުރަމުން ދަނިކޮށް ކުޑަކުއްޖަކު ގޮވައިގެން ސައިކަލްގައި ދިޔަ މީހަކު ސައިކަލް މަޑުކޮށް ފުލުހުންގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ހައްޔަރުކުރުމުން ފުލުހުންނަށް ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.
ފުލުހުންގެ މިއަމަލު ކުށްވެރިިކޮށް ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ ފުލުހުންގެ މިއަމަލު ކުށްވެރިކޮށްފަ އެވެ.
ފުލުހުން މިރޭ ބުނީ މި މީހާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި އެއްޗެއް އެއްލި މައްސަލައެއްގައި ކަމަށެވެ. އަދި އެވަގުތު އޭނާ ކައިރީގައި ކުޑަކުއްޖަކު ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ސުލްހަވެރި އިހުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ އެ އަމަލު ޕީޕީއެމް އިން ކުށްވެރިކޮށްފައިވެ އެވެ.
"ސުލްހަވެރިކަމާއެކު ކުރިއަށް ގެންދެވުނު އިޙުތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުން ސައިކަލެއްގައި ކުޑަ ކުއްޖަކާ އެކު ދަތުރު ކުރި ފިރިހެނަކު އެސަރަހައްދަށް މަޑުކޮށް އޭނާގެ ފޯނުން ފޮޓޯއެއް ނެގުމަށްފަހު ސަރަޙައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް އެ ފިރިހެން މީހާގެ ސައިކަލުގައި އިން އެކުއްޖާއާއި ހަވާލުވަނީ ކާކުތޯވެސް ބެލުމެއް ނެތި، އެކުއްޖާގެވެސް ކުރިމަތީ އެ މީހާއަށް ފުލުހުން އަނިޔާކޮށް، އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެއީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގި ޢަމަލެއް ގޮތުގައި މިކޯލިޝާނުން ސިފަ ކުރަމެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މަގުތަކަކީ އާންމުންނަށް އަމާން ތަނެއް ކަމުގައި ހެދުމުގެ ޒިންމާ ހަވާލުވެފައިވާ ފުލުހުންގެ ފަރާތުން، ހިނގާ ބިގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ވަކި ސަބަބު ނާންގައި ފުލުހުން އަނިޔާކުރަން ފެށުމަކީ މަގުތަކުގެ އަމާންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ.
މިމައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލާފައިވެސް ވެއެވެ.
"ހަމައެއާއެކު މިމައްސަލަ އަކީ ފުލުހުންގެ މުއައްސަސާއިންވެސް ބަލަންޖެހޭ މައްސަލައެއް ކަމަށް ފެންނާތީ، މިމައްސަލަ ބަލާ މިކަން ހިނގާ ދިޔަ ގޮތް އާންމުނާއި ޙިއްސާކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށްވެސް ގޮވާލަމެވެ. އަދި މިއަދުގެ ސުލްޙަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކުށެއް ނެތް އެންމެންނާއި އިހުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި މީހާވެސް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.