ފުވައްމުލައް

ފުވައްމުލަކުގައި ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ފުވައްމުލައް ސިޓީގައި ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލި މީހާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ލިރާރު ވިދާޅުވި ގޮތުގައި މާރާމާރީގައި ޒަހަމްވީ އުމުރުން ގާތްގަނޑަކަށް 37 އަހަރުގެ މީހެކެވެ.

ފުވައްމުލައް ހޮސްޕިޓަލުން ހެދެން ނެތް ބައެއް ޓެސްޓުތައް ހެދުމަށް އެ މީހާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެންދަން ފުރީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

މައްސަލައަކީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ޒުވާނާއަށް ލިބުނު އަނިޔާގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށް ލިރާރު ވިދާޅުވި އެވެ.

މި ހަމަލާ ދިނީ ތިން މީހުންގެ ގްރޫޕަކުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ހަމަލާދިން ބައެއް މީހުންނަކީ ކުށުގެ ރެކޯޑްވެސް އޮންނަ ބައެކެވެ.