ޓޫރިޒަމް

ޖަރުމަނު ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ހަތަރުވަނަ ޗައިނާއަށް

ޖަރުމަނު ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނައަށް ޗައިނާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނައިގައި ޗައިނާ އޮތީ 67،822 ފަތުރުވެރިންނާއެކު އެވެ.

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު މިއީ ފަތުރުވެރިކަމުގެ މާކެޓްގައި މިމަހު ޗައިނާ ކުރިއަށް ޖެހުނު ދެވަނަ ފަހަރެެވެ. މިދިޔަ ޖޫން މަހު ޗައިނާ އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ ހަވަނައިގަ އެވެ. އޭރު ފަސްވަނައިގައި އޮތް އިޓަލީގެ މައްޗަށް ޗައިނާ ކުރި ހޯދީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 952،608 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 834،186 ފަތުރުވެރިންނަށްވުރެ 14.2 ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 112،771 ފަތުރުވެރިން
  • ރަޝިއާ - 111،519 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 81،707 ފަތުރުވެރިން
  • ޗައިނާ - 67،822 ފަތުރުވެރިން
  • ޖަރުމަނު - 67،064 ފަތުރުވެރިން
  • އިޓަލީ - 65،095 ފަތުރުވެރިން
  • އެމެރިކާ - 39،773 ފަތުރުވެރިން
  • ފްރާންސް - 30،581 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 20،185 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 17،687 ފަތުރުވެރިން

ރާއްޖެއަށް މިހާރު 22 ގައުމުން 38 އެއާލައިނުން ދަތުރުކުރެ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 1،252 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 909 ގެސްޓްހައުސް އާއި 160 ސަފާރީ އަދި 13 ހޮޓާ ހިމެނެ އެވެ.