މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކު މަރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީގައި ގުރޫޕަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. އަދި މި ގުރޫޕް މާރާމާރީއާ ގުޅޭ މައުލޫމާތު ވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ލިރާރު މިއަދު އަވަސް އަށް ވިދާޅުވީ ރޭ އެރަށުގައި ހިންގި މާރާމާރީގައި ޒަހަމްވީ އުމުރުން 36 އަހަރުގެ މީހެއް ކަމަށެވެ.

ފުވައްމުލައް ހޮސްޕިޓަލުން ހެދެން ނެތް ބައެއް ޓެސްޓުތައް ހެދުމަށް އެ މީހާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ލިރާރު މައުލޫމާތު ދެއްވާފައިވެ އެވެ.

މި ހަމަލާ ދިނީ ތިން މީހުންގެ ގްރޫޕަކުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ހަމަލާދިން ބައެއް މީހުންނަކީ ކުށުގެ ރެކޯޑްވެސް އޮންނަ ބައެކެވެ.