ހަބަރު

ފުވައްމުލަކުގައި ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Sep 16, 2018

ފުވައްމުލައް ސިޓީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.

މާރާމާރީ ހިނގާފައި ވަނީ ރޭ 8:21 ހާއިރު އެވެ. ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާ ހާލު ސީރިއަސް ނޫނެވެ. ނަމަވެސް އޭނާގެ އަރިކައްޓަށާއި ކަރަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭގެ މާރާމާރީއާ ގުޅިގެން މިއަދު ހެނދުނު ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.

ރޭ ރ. ދުވާފަރުގައި ވެސް ވަނީ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.