ކުރީގެ ޕީޖީ މުހުތާޒު މުހުސިން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. ދާދިދެންމެއަކު ހައިކޯޓުން ކުރި ހުކުމުގައި ވަނީ މުހުތާޒު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، މުހުތާޒު ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ. މުހުތާޒުގެ ބަންދަށް ހައިކޯޓުން ޖަހާދީފައިވަނީ 15 ދުވަހެވެ.
ހައިކޯޓުގައި ތުހުމަތުތަކަށް މުހުތާޒު އިންކާރުކޮށްފައިވާއިރު ފުލުހުން އޭނާ ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލާގައި ފުލުހުން ފެށި ތަހުގީގަކާ ގުޅިގެންނެވެ. ކުއްލި ގޮތަކަށް ހައިކޯޓު ހުޅުވައި ރޭ ބޭއްވި އަޑުއެހުމުގައި މުހުތާޒު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. ވަކީލުން ހަމަޖެއްސުމަށް މުހުތާޒަށް ވަގުތު ދީފައިވަނީ، މިއަދުގެ ހެނދުނަށެވެ.
މިއަދު މެންދުރުފަހު ބޭއްވި މިއަދުގެ ދެވަނަ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އަޑުއެހުންތައް ނިންމާލާ، މިއދު ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކުރީގެ ޕީޖީ އަދި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިއްޔެ ހަވީރު ޕީޖީއިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ މެންދުރުފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުލުހުން ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުނެފައިވާއިރު ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.
ފޭކް ކޯޓު އަމުރުގެ މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.